ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތި) ގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ.
އިސްލާމީ މަރުކަޒުގައި ކަށުނަމާދު އޮންނައިރު، ސާންތި ވަޅުލާނީ މާލޭ އާސަހަރާގައެވެ.
ކޯޗު ސާންތި ނިޔާވީ ދެ އަހަރެއްހާ ދުވަހު ކެންސަރު ބަލީގައި އުޅުމަށްފަހު ފަރުވާއަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައި އޮއްވައެވެ. ކޯޗުގެ ވަކިވުމާއެކު ކުޅިވަރު އާއިލާގެ ގިނަބަޔަކު ދަނީ ކޯޗުގެ ހަނދާންތައް އާކޮށް ކޯޗަށް ތައުރީފު ކުރަމުންނެވެ. އަދި ކޯޗުގެ މައްޗަށް ހެޔޮދުއާ ކުރުމާއި އާއިލާއަށް ތައުޒިޔާ ރައްދު ކުރަމުންނެވެ.
ކޯޗު ސާންތިއަކީ ރާއްޖޭގެ ފުޓްބޯޅައިގައި އަގު ނުކުރެވޭ ވަރުގެ ޚިދުމަތްތެރިޔެކެވެ. އޭނާއަކީ ރާއްޖެއަށް ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތަކުން ފުރަތަމަ ފަހަރު ތަށި ހޯދިއިރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެކެވެ. ގައުމީ ޓީމުގައި ދިގު އަދި ކާމިޔާބު ޚިދުމަތެއް އޮތް ސާންތި ކޯޗަކީ ކުލަބު ލެވެލްގައިވެސް ޗެމްޕިއަންކަން ހޯދި ކޯޗެކެވެ. އަދި ޒުވާން ކުޅުންތެރިން ބިނާ ކުރުމުގައިވެސް ކާމިޔާބު ކޯޗެކެވެ.