ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު، މޯލްޑިވްސް އިމިގްރޭޝަން ކޮންްޓްރޯލާގެ މަގާމަށް އައްޔަންކުރައްވައިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވި ޝަމްއާން ވަހީދު އެ މަގާމުން މިރޭ ވަނީ ވަކިކުރައްވައިފަ އެވެ. އޭނާ ވަކިކުރެއްވި ސަބަބެއް ސަރުކާރުން އަދި ހާމަނުކުރިޔަސް ފުލުހުން ދަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީންގެ އަތުން މާލީ މަންފާ ހޯދި މައްސަލައެއް ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކުރިއިރު ފުލުހުން ޝަމްއާނަށް ވެސް ތުހުމަތުކުރެ އެވެ.
ހިނާ ވިދާޅުވީ ފަސީހު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކަމަށެވެ.
"ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ސްޓޭޓް މިނިސްޓާ ފެންވަރުގައި، ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ފަސީހު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފި." ހީނާ ވިދާޅުވި އެވެ.