ނ. ދިގުފަރު ފަޅާއި އެ އަތޮޅު ދެކެނަންފަރު އަދި ކުރަމާދޫގައި ދެމެހެއްޓެނިވި ވަސީލަތްތަކާއެކު ސަހަރެއް ތަރައްގީކުރަން ސަރުކާރުން އަމިއްލަ ކުންފުންޏަކަށް ހުއްދަ ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން އެ މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓްމެންޓު ބޯޑުން ހުއްދަ ދޫކުރީ ކްރިސްޓަލް ހޯލްޑިންގްސް އިން ހުށަހެޅި ހުށަހެޅުން ރިވިއު ކުރުމަށްފަހު ކަމަށެވެ.
”ޕްރޮޖެކްޓް އައީލާ“ ގެ ނަމުން ނަން ދީފައިވާ އެ މަޝްރޫއުގެ ދަށުން މަތީ ފަންތީގެ ބޯހިޔަވަހިކަމާއި ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ އަދި ތައުލީމީ ހިދުމަތް ދޭ ތަންތަން ތަރައްގީ ކުރާނެ އެވެ. އޭގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ މަޝްރޫއުގެ ދަށުން އެކުއަކަލްޗާ އަދި އެޑްވާންސް އެގްރިކަލްޗާގެ މަސައްކަތްތައް އެ ތަނުގައި ހިންގާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން ދިގުފަރު ފަޅާއި އެ އަތޮޅު ދެކެނަންފަރު އަދި ކުރަމާދޫ ތަރައްގީ ކުރާނެ ގޮތުގެ ފީސިބިލިޓީ އެސެސްމެންޓާއި އިންފްރާސްޓްރަކްޗާ މާސްޓާ ޕްލޭންގެ އިތުރުން އިންޖިނިއަރިން އަދި ތިމާވެށްޓާ ބެހޭ ދިރާސާތަކާއި އެތަނުގައި ހިންގާނެ ވިޔަފާރީގެ މަޝްރޫއުތަކުގެ ތަފުސީލީ ޕްލޭން މިއަދުން ފެށިގެން 180 ދުވަހުގެ ތެރޭގައި ކްރިސްޓަލް ހޯލްޑިގްސް އިން ހުށަހަޅަން ޖެހޭނެ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނު ފްރޭމްވޯކުގެ ދަށުން ތަރައްގީ ކުރާ ޓައުންޝިޕްތަކުގައި ވަކި ޝަރުތުތަކެއް ހުންނަންޖެހެ އެވެ. އޭގެ ތެރޭގައި
- އާއިލާތަކަށް ހާއްސަ އެންމެ މަތީ ފަންތީގެ ވިލާ ނުވަތަ ގެތައް
- ސައުތު އޭޝިއާގެ ގައުމުތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ތައުލީމު ނުވަތަ ހެލްތު ޓޫރިޒަމް ގައުމަކަށް ރާއްޖެ ވާނެ ފަދަ ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ ތައުލީމީ އަދި ސިއްހީ ހިދުމަތްތައް ހުރުން
- އެންމެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓާއި ހޮޓާ އަދި މެރީނާ ހުރުން
- މަދުވެގެން 60 ޕަސަންޓަކީ ދެމެހެއްޓެނިވި ހަކަތައަށްވުން / ކުނި މެނޭޖްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ހުންނަން ޖެހޭ
- އެންމެ ފަހުގެ ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތަކާއި އެކުއަކަލްޗާ މެދުވެރިކޮށް ފުޑް ސެކިއުރިޓީ ޔަގީން ކުރުމުގެ ގޮތުން މަދުވެގެން ދެ ބާވަތެއް އުފެއްދުން
- މަތީ ފަންތީގެ މީހުންގެ ދިރިއުޅުން ބިނާ ކުރުމަށް ބޭނުންވާނެ އެހެނިހެން ތަންތަން ގާއިމުކޮށްފައި ހުންނަން ޖެހުން
- އެސްއީޒެޑުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެ މީހުންގެ އާއިލާތަކަށް ބޭނުންވާނެ ސިއްހީ، ތައުލީމީ އަދި ރެކްރިއޭޝަނަލް ވަސީލަތްތައް ގާއިމުކޮށްފައި ހުރުން