ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް ހަތަކުން ފަހަކަށް ސުޕްރީމް ކޯޓު ފަނޑިޔާރުންގެ ޖުމުލަ އަދަދު ބަދަލުކުރަން ގާނޫނަށް ގެނައި އިސްލާހުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލި މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ނަމަވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހު މަޖިލީހުން ފާސްކުރި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ރައީސް ނިންމެވީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އެއީ ގާނޫނުއަސާސީއާ ފުށުއަރާ ބިލެއް ކަމަށް ލަފާ ދެއްވުމުންނެވެ.
މަޖިލީހުގެ ވެބްސައިޓްގައި މިހާރު އާންމުކޮށްފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އެ ބިލުގެ މަސައްކަތް ހިމަނާފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިންނެވެ. ބިލު ދެން މަޖިލީހުގައި ކުރިއަށް ގެންދަން، މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީއެންސީން ގޮތެއް ނިންމި ކަމެއް އަދި ސާފެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުކުޑަ ކުރަން ފާސްކުރި ދަނޑިވަޅަކީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ކުރިއަށް ގެންދަން ކޯޓުން ނިންމާފައި ވަނިކޮށެވެ. އޭގެ ފަހުގައި ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް، އެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.