އަތޮޅު ތަކުން މާލެ އަންނަ ލޯންޗު ތަކަށް ހެންވޭރު ފެރީ ޓާމިނަލް ބޭނުން ކުރެވޭގޮތަށް ހަމަޖައްސައިފިއެވެ.
އެމްޓީސީސީ އިން ބުނީ ނަސަންދުރަ ކުރިމަތީގައިވާ ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު، ލޯންޗު ފެރީ އޮޕަރޭޓް ކުރާ އާންމު ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތަށް އެ ކުންފުނިން ނިންމާފައި ވަނީ މިއަދުން ފެށިގެންނެވެ.
ހުޅުމާލެ އާއި ކްރޮސްރޯޑަށް ދަތުރުކުރާ ޓާމިނަލް އާންމު ފެރީ ލޯންޗު ތަކަށް ހުޅުވާލައި އެމްޓީސީސީން ލޯންޗު ޝެޑިއުލްވެސް ހަދާނެއެވެ. އަދި އެ ލޯންޗު ތަކުން އަންނަ ފަރާތްތަކަށް ފެރީ ޓާމިނަލުން ބޯފެން ލިބޭނެ ގޮތާއި ޓާމިނަލްގެ ފާޚާނާވެސް ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސަން ވަނީ ނިންމާފައެވެ.
ފެރީ ޓާމިނަލަށް މަޑު ކުރަން ބޭނުންވާ ލޯންޗު ތަކުން ނަން ނޯޓު ކުރުމުން އެ ފުރުޞަތު ލިބޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މިހާރުވެސް ބަޔެއް އަތޮޅު ތަކުން އަންނަ ލޯންޗު ތަކުން ވަނީ ނަން ނޯޓު ކޮށްފައެވެ. އޭގެތެރޭގައި އދ. އަތޮޅުގެ ތިން ރަށަކުންނާއި ކ. އަތޮޅުންނާއި ބ. އަތޮޅުގެ 5 ރަށަކުން ވަނީ އެކަމަށް ހުށަހަޅާފައެވެ.
އެމްޓީސީސީން ބުނީ ދުވާލަކު 15 ލޯންޗު ފެރީ ޓާމިނަލަށް ކައިރި ކުރެވޭނެ ކަމަށެވެ. އެއީ ދެހާހެއްހާ މީހުންގެ ޖާގައެވެ. ހެންވޭރު ޓާމިނަލުން އެއްފަހަރާ 5 ލޯންޗު ކައިރި ކުރެވޭނެ ކަމަށާއި އަދި ހުޅުމާލޭ ފެރީ ޓާމިނަލަށްވެސް އެއްފަހަރާ 3 ލޯންޗު ކައިރި ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.