އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް އަލުންފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މި ކޯޕަރޭޝަންގެ މަސައްކަތް އަލުން ފަށަނީ އެގްރިކަލްޗަރ މިނިސްޓްރީން ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާގޮތަށެވެ. ދަނޑުވެރިކަމާއި ގުޅޭ މަސައްކަތްތައް ކުރެއްވުމަށް އުފައްދަވާ ފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) އުވާލެއްވުމަށްފަހު، އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރެއްވުމަށް ކުރިން ވަނީ ނިންމަވާފައެވެ.
އެހެންނަމަވެސް ރައީސް، އެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވާ، އެ ނިންމެވުމަށް ބަދަލު ގެންނަވާ، އެގްރޯނެޓަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ވަނީ ނިންމާފައެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓް އުފައްދަވާފައިވަނީ ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް، އިގްތިސާދު ހަރުދަނާ ކުރުމަށް 2 ޖެނުއަރީ 2024 ގައި އުފައްދަވާފައިވާ ކުންފުންޏެކެވެ.
ވަޒީރުންގެ މަޖިލީހުގެ މިނިންމެވުމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާގޮތަށް ވެސް ވަނީ ހަމަޖައްސަވާފައެވެ.
މި ބަދަލުގެ މައިގަނޑު މަގްސަދަކީ އެ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަނޑުވެރިން ހައްދާތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުމެވެ.