ގެދޮވެރިޔާ ފްލެޓު ދޫކޮށްލައްވަން ހައިދަރު ނިންމަވައިފި

ގެދޮވެރިޔާ ފްލެޓު ދޫކޮށްލައްވަން ހައިދަރު ނިންމަވައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވެ ލިބޭ މީހުންގެ ލިސްޓުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހިމަނާފައި އޮތުމުން، އޭނާގެ ޝަރުތު ހަމަވި ގޮތާ މެދު ސުވާލު އުފައްދަމުން ދަނިކޮށް، ފްލެޓު ދޫކޮށްލައްވަން އޭނާ ނިންމަވައިފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާއިރު، ޝަރުތު ހަމަވި 1،820 މީހުންގެ ތެރޭގައި މއ. ވެނީލާގެ، އަލީ ހައިދަރު އަހުމަދާއި އޭނާގެ އަނބިކަނބަލުން މ. ޑްރީމީލައިޓް މަރިޔަމް ތައުފީގާ ހިމެނެ އެވެ.

މަރިޔަމް ތައުފީގާއަކީ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި މި ސަރުކާރުން އިފުތިތާހުކުރި ގައުމިއްޔަތު ކޮލެޖުގެ އިސްވަރު ކައުންސިލުގައި ހިމެނޭ ބޭފުޅެކެވެ.

ލިސްޓުގައިވާ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައިވެސް ހައިދަރުގެ ދެމަފިރިންނަށް 75 ޕޮއިންޓް ލިބިފައިވެ އެވެ. ވެރިފިކޭޝަންއަށްފަހު ވެސް ލިބިފައިވަނީ ހަމަ އެވަރެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހައިދަރުގެ ދެމަފިރިންނަށް ފްލެޓް ލިބިފައިވާއިރު، ފްލެޓް ދިނުން ހުއްޓުވައި އެ މައްސަލަ ހައުސިން މިނިސްޓްރީން އަލުން ރިވިއު ކުރި އިރު، މިނިސްޓަރަކަށް ހުންނެވީ ހައިދަރެވެ.

ހައިދަރު ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާ އާއި އަނބިކަނބަލުން މަރިޔަމް ތައުފީގާ އަށް ވުރެ ބޮޑަށް އެ ސްކީމުން ފްލެޓު ހައްގުވާ އެތައް އާއިލާއެއް ތިބޭނެ ކަަމަށެވެ.

"ވީމާ މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ތާއަތާއި އިހުތިރާމާ އެކު ދެންނެވީމެވެ،" އެންމެ ފަހުން ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި ހައިދަރުގެ ބަޔާނުގައި ވެ އެވެ.

ކުރީގެ ސަރުކާރުން އާންމުކުރި ލިސްޓާ ގުޅިގެން އޭސީސީން ވެސް ތަހުގީގުކޮށް، ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ލިސްޓު ރިވިއު ކުރަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *