ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓްތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ބަލައިގަތުމަށް ވޯޓުގައި ބައިވެރިނުވަނީ ޕީއެންސީގެ ދެ މެންބަރަކު ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
އެކްސްގައި ފަލާހު ވިދާޅުވީ މިއަދުގެ ވޯޓުގައި ބައިވެރިނުވެވުނީ ދެ މެންބަރަކަށް ކަމަށެވެ. އަދި ބައެއް މެންބަރުންނަށް މިއަދުގެ ޖަލްސާއަށް ހާޒިރުނުވެވުނީ ދަތުރުތަކެއްގައި ތިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ފަލާހު ވިދާޅުވީ ގަސްތުގައި ވިޕްލައިނާ ޚިލާފުވި މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
"ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް ގަސްދުގައި ވިޕާ ޚިލާފުވާ ބޭފުޅުންނާމެދު ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނަން،" ފަލާހު ވިދާޅުވިއެވެ.
ފަލާހު އެފަދައިން ވިދާޅުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ ގްރޫޕްގައި މެސެޖެއް ލިޔުއްވާފައެވެ.
ރައީސް މުއިއްޒު ލިޔުއްވި މެސެޖުގައި ވަނީ ވިޕްލައިނާ ޚިލާފުވުމަކީ އެއްވެސް މެންބަރަކު ކުރައްވައިގެން ވާނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.
"ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމަ އެޔާ ހިލާފު ވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން. އެއްވެސް ފަހަރަކު،" ރައީސް މުއިއްޒު ވިދާޅުވިއެވެ.