ޒަކިއްޔާގެ އޮޓޯޕްސީ ނުހެދުމަކީ ހެދުނު ގޯހެއް: އިހުސާން

ޒަކިއްޔާގެ އޮޓޯޕްސީ ނުހެދުމަކީ ހެދުނު ގޯހެއް: އިހުސާން

ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާގެ ޕޯސްޓްމޯޓަމް ނަހަދައި، އޭނާގެ ހަށިގަނޑު ދޫކޮށްލުމަކީ ހެދުނު ގޯހެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ 10 ސެޕްޓެމްބަރު 2024ގައި އޭނާ ދިރިއުޅޭ ގޭ ތެރެއިންނެވެ. އޭނާގެ ހަށިގަނޑު ޖެހިގެން އައި ދުވަހު މާލެ ގެނެސް ތަހުލީލުތަކެއް ހެދި އެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ބޭނުން ނުވާތީ، ސެޕްޓެމްބަރު 12 ވަނަ ދުވަހު ވަނީ ހޮޅުދުއަށް ގެންގޮސް ޒަކިއްޔާގެ ހަށިގަނޑު ވަޅުލި އެވެ.

އޭގެ ތިން މަސް ފަހުން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވަނީ ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް ދެއްކި ކަމަށާއި ޑޮކްޓަރު ބެލި ބެލުމުން އެހެން މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ލަފާ ދިން ކަމަށް ވިދާޅުވެފަ އެވެ.

ޒަކިއްޔާއަށް އިންސާފު ހޯދައިދޭން ގޮވާލައި ހޮޅުދޫގައި ކުރަން ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އިހުސާނާއި ފުލުހުންގެ އިސްވެރިން ވަނީ އެ ރަށަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި މަރުގެ ބައެއް މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދާއިރު ހަށިގަނޑުގެ ބޭރު ފުށުންވެސް ގިނަ ޒަހަމްތަކެއް ފެންނަން އޮތް ޒަކިއްޔާގެ ޕޯސްޓްމޯޓަމެއް ނުހެދީ ކީއްވެތޯ ރައްޔިތުން ސުވާލުކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ޒަކިއްޔާގެ ހަށިގަނޑު ބެއްލެވި ޕެތޮލޮޖިސްޓް ޑޮކްޓަރަކީ ރާއްޖޭގައި އެ ވަގުތު ލިބެންހުރި، އެހެން މަސައްކަތެއްގައި އައިސް ހުރި ޑޮކްޓަރެއް ކަމަށާއި އޭނާއަކީ މީގެ ކުރިން އެތައް ޕޯސްޓްމޯޓަމެއް ހަދާފައި ހުރި ޑޮކްޓަރެއް ކަމަށެވެ.

”އަޅުގަނޑުމެން ގަބޫލެއް ނުކުރަން އޮޓޮޕްސީ އޭރު ނަހަދާ ދޫކޮށްލި ދޫކޮށްލުން އެއީ އެންމެ ރަނގަޅު ކަމެއް ކަމަކަށް. އަޅުގަނޑު ގަބޫލުކުރަނީ އެއީ ހެދުނު ގޯހެއް ކަމަށް،“ އިހުސާން ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *