ފާއިތުވި އަހަރެކޭ އެއްގޮތައް މިއަހަރުގެ ރަމަޟާން މަހު ވެސް ކަރަންޓް ބިލާއި ފެން ބިލުން ޑިސްކައުންޓް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް މި އަހަރު ވެސް ލިބޭނެ ކަމަށެވެ.
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުކުރިން ވެސް މި ވާހަކަ ވާނީ ދަންނަވާފައި. 8 ޑިސެމްބަރު ގައި މަތިވެރީގައި ބޭއްވި ޖަލްސާގައި އަޅުގަނޑު ދެންނެވިން ކުރީ ރަމަޟާން މަހު ދިން ގޮތަށް މިފަހަރު ރަމަޟާން މަހު ވެސް ކަރަންޓްބިލާއި ފެން ބިލުން ޑިސްކައުންޓް އަޅުގަނޑުމެން ދޭނަމޭ. އެކަން އެގޮތަށް ކުރިއަށް ގެންދާނަމޭ. އެހެންވީމަ ކިހިނެތްތޯ އޮޅުވާލައިގެން ދޮގުހަދައިގެން ގެންދެވޭނީ
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ފަހު އޭގެ ބަދަލުގައި ކަރަންޓާއި ފެން ބިލުން އެބައި ހޯދަން އުޅޭ ކަމަށްބުނެ ދެކެވެމުންދާ ވާހަކަތައް އެމަނިކުފާނު ވަނީ ދޮގުކުރައްވާފައެވެ.
"ފުރަތަމަ ކޮން ވާހަކައެއްތޯ ދެކެވުނީ. މަސްދަޅުކޭހުން ވަކި ވަރެއް މަދުކޮށްފަ އޭ އަޅުގަނޑުމެން ދެނީ. އެކަން ދެން ހަގީގީގަތަކަށްނުވި. އެ ދޮގު ފަޅާ އަރައިފި. ދެން މަސްދަޅުގެ މަތިގަނޑު ނެއްޓޭ ގޮތަކަށްނޫނޭ ހުރީ ފަސޭހައިން. އެކަން ވެސް ދޮގެއްކަން ރައްޔިތުންނަށް އެނގިއްޖެ. ދެން މަސްދަޅު ކޭސްތައް ބަހަނީ. މާލޭގައި ބެހިއިރު ދަތިތަކާ ދިމާވި. އެކަމުގައިވެސް ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން ފެތުރުމަށް މަސައްކަތް ކުރީ. އެކަންވެސް އެ އޮތީ ހައްލުވެފައި،" ރައީސް ވިދާޅުވިއެވެ.