ޖަލުން މިނިވަންވެ، ގާސިމް އިބްރާހިމް އުފަން ރަށަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔަން ދިގު ކިޔުއެއް ދަމާލާފައި އޮތެވެ. ފަހަރަކު މީހަކާ ސަލާމް ކުރައްވަމުން ގޮސް ރާނިޔާއާވެސް ސަލާމްކޮށްފި އެވެ.
މިއީ ގާސިމް ހަޔާތުގެ މުހިންމު ވަގުތުކޮޅެވެ. ލޯބިވާ ރާނިޔާ ފެނުނު ފުރަތަމަ ފަހަރެވެ. ރާނިޔާ ފެނުމާއެކު ގާސިމަށް ފުރަތަމަށް ނަޒަރުން ލޯބިވެވުނު ފަދައެވެ. ސަލާމް ކުރެއްވުމުން ބަޔަކު ފޮޓޯނަގައިގެން ރަށު ތެރޭގައި ދޮގު ވާހަކަ ތަކެއްވެސް ފެތުރިއެވެ. ގާސިމަށްވެސް އޮތީ މި ކަހަލަ ވާހަކަ ތަކެއް ދެކެވޭކަން އެނގިފައެވެ.
މިއީ ލިޔުންތެރިޔާ މުހައްމަދު ޖަމީލު ލިޔެފައިވާ ގާސިމްގެ ބަޔޮގްރަފީ ގައި ގާސިމްއާ ރާނިޔާގެ ވާހަކަ ފެށިގޮތެވެ. ރާނިޔާގެ ރީތި ކަމަކީ މާމިގިލީގައި މަޝްހޫރު ކަމެކެވެ. ރަށު ތެރޭގައި ގާސިމްއާއި ރާނިޔާ އަޅުވައި ކިޔާތީ ގާސިމް، ވަނީ ރާނިޔާ ބައްދަލުކޮށް ވާހަކަ ދައްވައިފައެވެ. އެ ވާހަކައިގެ ތެރެއިން ގާސިމްގެ ހިތާއި ސިކުޑި ރާނިޔާއަށް ލެބިގެންދިޔައެވެ.
"އެކަމުގައި ގޮތެއް ނިންމަވަން ރާނިޔާއަށްވީ ވަރަށް އުނދަގޫ ކަމަށެވެ، އެ ކައިވެނިފުޅަކީ ވަރަށް ހީނުރާ ކަހަލަ ކަންތައްތަކެއްގެ ތެރެއިން އުފެދުނު ގުޅުމެކެވެ" ޖަމީލު ލިޔެފައިވެއެވެ.
އެކަމަކު އެންމެ ފަހުން އެއްބަސްވެ މާމިގިލީ ހަޒާރުމާގޭ މަރިޔަމް އަފްރާއާއި އަބްދުލް ހަމީދު އިބްރާހީމްގެ ދޮށީ އަންހެން ދަރިފުޅު ފާތިމަތު ރާނިޔާއާ ގާސިމް ކައިވެނި ބައްލަވައިގަތީ ސެޕްޓެމްބަރު 30، 2020 ގައެވެ.
އެ ކައިވެނި ބައްލައިގަތީ ކޮވިޑް-19 ގެ ދުވަސްވަރަކަށްވާތީގެ ގާސިމްވެސް ގިނަ ވަގުތު ހޭދަކުރެއްވީ ސަން އައިލެންޑް ރިސޯޓުގައެވެ. އަރިހުގައި ގިނައިން އުޅުއްވަމުން ގެންދެވީވެސް ރާނިޔާއެވެ.