މާލޭގެ ރަސްފަންނާއި ސަލްޓަންޕާކުގެ ރީތިކަން އަނބުރާ ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މާލޭގެ ކުރީގެ މޭޔަރު ރައީސް މުއިއްޒު ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކްގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށެވެ.
"ދެ ތަންވެސް ދަނީ ވީރާނާވަމުން" އެ ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެ ތަން ކަމަށް ވިދާޅުވި އެވެ.
"މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވަން"ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ރަސްފަންނާއި ސަލްޓަންޕާކަކީ ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގެ ދަށުން ތަރައްގީކޮށްފައިވާ ދެ ތަނެވެ. ރަސްފަންނު ސަރަހައްދަށް ބަލައިލިޔަސް އެތަނަށް އަޅާނުލާ އޮންނަތާ ދުވަސްވެތަކެއް ވަނީ ވެފައެ އެވެ. އެތަނުގައި ހުރި ބައެއް ތަކެތިވެސް ހަލާކުވެ ދަބަރުޖަހާފައިވެ އެވެ.