ޓެކްސީ ޑްރައިވަރުންނާ ވާދައަށް ސަރުކާރުން ނިކުތުމަކީ މިސްރާބެއް ނެތްކަން ދޭހަވާ ކަމެއް: ޝާހިދު

ޓެކްސީ ޑްރައިވަރުންނާ ވާދައަށް ސަރުކާރުން ނިކުތުމަކީ މިސްރާބެއް ނެތްކަން ދޭހަވާ ކަމެއް: ޝާހިދު

އާންމު ރައްޔިތުން ރާއްޖޭގައި ޒަމާނުއްސުރެ ކުރާ ޓެކްސީ ވިޔަފަރީގެ ތެރެއަށް ސަރުކާރުން ވަދެ، ޓެކްސީ ޑްރައިވަރުންނާ ވާދައަށް ސަރުކާރުން ނިކުތުމަކީ ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ދޭހަވާކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރު ވާންޖެހޭނީ އާއްމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ރެގިއުލޭޓްކޮށްދޭ ފަރާތަށް ކަމަށެވެ.

"އާއްމު ހުރިހާ ވިޔަފާރިއެއްގައި ސަރުކާރާ ވާދަކުރަން އާއްމުންނަށް ޖެހުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން. ކޮންމެ ކަމެއްގައިވެސް ފެނިގެން މިދަނީ ސަރުކާރުގެ އަމާޒެއް ނެތްކަމާއި، ދައުލަތް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު،" ޝާހިދު ވިދާޅުވިއެވެ.

ސަރުކާރުން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާނުވުމަކީ ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ޓެކްސީގެ ޚިދުމަތް ދިނުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ ސަރުކާރުން އެ ވިޔަފާރިކުރިޔަސް އާންމުންނަށް ވެސް އެ ވިޔަފާރިކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *