ކާޑެއްދޫ އެއާޕޯޓުގެ ފެންވަރުދަށްވެ ވިލާ އަތުން އެތަން ނެގުމަށް އިގްތިސާދީ ކޮމިޓީގެ ބައެއް މެންބަރުން ގޮވާލައިފިއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަތުން އެއާޕޯޓު އަތުލުމަށް ވަނީ ގޮވާލާފައިއެވެ. ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ ހިޔާލު ވިލާ އިން ގެންގުޅޭކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. މިހާރު އެތަން އޮތް ގިތަށް އެތަން ހިންގުމުގެ ބަދަލުގައި ވިލާ އަތުން އެތަން ނެގުމަށް އޭނާ ވަނީ ބުނެފައިއެވެ.
"އެސެސްމަންޓެއް ހަދައިފިއްޔާ، އެތަން ހިންގަން ހުއްދަ ނުދޭ ހިސާބުގަ މިހާރު އެއާޕޯޓު އެ އޮތީ،" ރަންވޭ މައްޗަށް ވެސް ބޭނުން މީހަކަށް އެރޭ ގޮތަށް ސަލާމަތީ ކަންކަން ވެސް ނުބެލެހެއްޓޭ ކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ގިނަ ކަންތައްތަކެއް ވަނީ މަޖިލީހަށް ހުށައެޅިފައިއެވެ. އެގޮތުން ވެލިދޫ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވީ، ވިލާ އެއާގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީ ވެސް ކޮމިޓީއަށް ހާޒިރުކޮށް، ކަމާ ގުޅޭ މައުލޫމާތުތައް ހޯދަން ޖެހޭ ކަމަށެއެވެ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ކޮމިޓީއަށް މިކަމާ މެދު ގޮތެއް ނިންމޭނީ ކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބިގެން ކަމަށެވެ. އެއާއެކު އޭނާ ވަނީ ސިވިލް އޭވިއޭޝަނާއި ވިލާ އެއާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތަކުގެ އިތުރުން އެއާޕޯޓު ތަރައްގީ ކުރަން އެ އެއާލައިނުން ގެންގުޅޭ ޕްލޭނެއް ހޯދަން ހުށަހަޅުއްވައިފައެވެ. މި ދެ ހުށައެޅުންވެސް ވަނީ ކޮމިޓީގެ ބައިވެރިވި މެމްބަރުންގެ އިއްތިފާގާއިއެކު ފާސްކޮށްފައިއެވެ.