ޝަރުއީ ދާއިރާތަކާއި، މިނިވަން މުއައްސަސާތަކުގެ އިސް ވެރީންގެ މުސާރަ އާއި މަޖިލސިް މެންބަރުންގެ މުސާރައިިން 10 ޕަސެންޓް އުނިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއީ ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކުރިއަށް އޮތް ދެއަހަރަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކެކެވެ.
މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، މިކަމަކީ، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.
އެގޮތުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން އަސާސީ މުސާރަ، 12،000 ރުފިޔާއަށްވުރެން މަތިން ލިބިވަޑައިގަންނަވާ މަގާމުތަކުގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް މަޖިލީހަށް ހުށަހަޅުއްވައިދެއްވައި، މަޖިލީހުން ނިންމަވާގޮތެއް އަންގަވައިދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ޝަރުއީ ދާއިރާގެ އިސްވެރިންނާއި، މަޖިލިސް މެންބަރުންގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަށްވާނަމަ، އެކަން ވެސް މަޖިލީހަށް ހުށަހަޅުއްވައިދެއްވައި، މަޖިލީހުން ނިންމަވާގޮތެއް އަންގައިވައިދެއްވުމަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.
އިދާރީ މޭޒުން ރައީސް ފޮނުއްވި ސިޓީފުޅު މަޖިލިސް ތަޅުމަށް އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވައިފައެވެ.