ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގެ ތެރެއިން، ހައްޔަރުކުރި ޑްރައިވަރުން، ދޫކޮށްލައި ޓޯކުރި ޓެކްސީތައް އެ ތަކެތީގެ ވެރިފަރާތްތަކާ ހަވާލުކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ، ބަހުސް ފަށައިފިއެވެ.
މިކުއްލި މައްސަލަ ހުށަހަޅުއްވަމުން އެމްޑީޕީގެ މަޖިލިސް މެންބަރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ، އެމީހަކު އިހުތިޔާރުކުރާ މަސައްކަތެއް ކުރުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަަވަރުކޮށްދޭ އަސާސީ ހައްގަކަށްވާއިރު މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނެ ގޮތުގެމަތީން ދުލައި ގަލަމުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ދައުލަތުގެ ހުއްދަ، ކުރިއާލައި ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ.
ޓެކްސީ ހިދުމަތްދޭ ފަރާތްތަކުގެ މަސައްކަތް ކުރުމުގެ ހައްގުތަކަށް އަރައިގަނެ، ސަރުކާރުގެ ޓެކްސީލައިނެއް ތައާރަފުކޮށް ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަމަށް އިއުލާންކުރުމާ ގުޅިގެން، ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން ފާޅުކުރުމުގެގޮތުން ޑިސެމްބަރުމަހުގެ 11 ވަނަ ދުވަހު ޓެކްސީ ޑްރައިވަރުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ހުޅުމާލޭގެ ހައިވޭއަށް އަރާ ސަހަރައްދުގައި ކުރި އިހުތިޖާޖުތައް ހުއްޓުވައި ޓެކްސީ ޑްރައިވަރުން ހައްޔަރުކޮށް ޓޯކޮށްފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމާއި މުދާ މިލްކު ކުރުމާއި މަސައްކަތްކުރުމުގެ ހައްގަށް ހުރަސް އެޅޭގޮތަށް ކަމަށްވީއިރު ސަރުކާރުގެ މި އަމަލުތަކަކީ ޑްރައިވަރުން ކާންބޯން ކުރާ މަސައްކަތަށް ހުރަސް އަޅައި އެފަރާތްތަކުގެ އާމްދަނީއަށް ބަރޯސާވާ އެތައް ހާސް އާއިލާތަކެއް ހާލުގައި ޖެހޭނެކަމެއް ކަމަށްވާއިރު، އެކަމަށް އެއްވެސް ފަރުވާލެއްނެތި ކުރަމުންދާ ނޭއްގާނީ އަމަލެއް ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
އެ އިހުތިޖާޖުގައި މީހެއްގެ ފުރާނައަށް، އަދި މުދަލަކަށްވެސް ގެއްލުން ވާފަދަ އަމަލެއް ހިންގާފައި ނުވާއިރު ސުލްހަވެރިކަމާއެކު އިހުތިޖާހު ކުރަމުންދަނިކޮށް، މަގުމަތީގެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރާ މިންގަނޑުން އެފަރާތްތަކާމެދު އަމަލުކޮށް އެފަރާތްތަކުގެ ހަރުމުދަލަށް ގެއްލުންވާ ގޮތަށް ޓެކްސީތައް ޓޯ ކުރުމަކީ އެފަރާތްތަކުގެ އަޑު ކަނޑުވާލަން ކޮށްފައިވާ ކަމެއް ކަމަށްވެސް މި ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
އެހެންކަމުން އެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ޑްރައިވަރުން މިނިވަންކޮށް، އެ އިހުތިޖާޖުގެ ތެރެއިން ޓޯކުރި ޓެކްސީތައް ދޫކޮށްލުމަށްވެސް މި ކުއްލި މައްސަލައިގައި މީކާއީލް ނަސީމް ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.