ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން އުތުރާއި ދެކުނުގައި އެއާ ސްޓޭޝަންތައް ގާއިމު ކުރަނީ

ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން އުތުރާއި ދެކުނުގައި އެއާ ސްޓޭޝަންތައް ގާއިމު ކުރަނީ

ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި އެއާ ސްޓޭޝަންތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހު ވީ ވައުދާ އެއްގޮތަށް ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތް ކޮށްދެއްވާނެ ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް ކުޑަވެސް ލޮޅުމެއް އަރާފާނެ ކަމަކަށް ދޫ ނުދޭނެ ކަމަށާއި އެއީ ދުވަހަކު ވެސް ފަރުވާކުޑަކޮށް ނުލާނެ ގައުމީ ވައުދެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެމްއެންޑީއެފްގެ ކޯސްޓްގާޑް ދެ ގުނަކޮށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތާއި ކޯސްޓުގާޑުގެ އިތުރު މަރުކަޒުތައް ގާއިމުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހަލުވިކޮށް ކުރިއަށްދާ ކަމަށެވެ.

ކޯސްޓުގާޑުގެ ސްޕެޝަލް އޮޕަރޭޝަންތަކަށް ސްޕެޝަލް ބޯޓު ސްކޮޑްރަން 3 ނޮވެމްބަރު 2024 ގައި ވަނީ އުފައްދައި ހިދުމަތަށް ނެރެފައި،"

ރައީސް ވިދާޅުވީ ވައިގެ މަގުން ގައުމު އަމިއްލައަށް ދިފާއު ކުރެވެން ޖެހޭނެ ކަމަށެވެ. އެގޮތުން ޒަމާނީ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް އެމްއެންޑީއެފް އެއާ ކޯ މިދިޔަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އުފައްދާފައިވާ ކަމަށެވެ.

އެއާ ކޯ އުފެއްދުމުގެ މައިގަނޑު ސަބަބަކީ އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ހިދުމަތް ފެށުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މި އުޅަނދުގެ އެހީގައި މިހާރު ވެސް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ގިނަ އުޅަނދުތަކެއް ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެއާ ސްޓޭޝަން ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

މި އަހަރު ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:

އެމްއެންޑީއެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް

ގިރިފުށީ ޓްރެއިނިން މަރުކަޒުގެ ޖާގަ އާއި ވަސީލަތްތައް އިތުރުކުރުން

އިންސާނީ ގާބިލުކަމާއި ވަސީލަތުގެ މުއްސަނދިކަމާއި ނިޒާމީ ހަރުދަނާކަން ޒަމާނީ ފެންވަރުގައި ގެނައުން

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން އެ ތަނަށް ބޭނުންވާ ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރުން

ރައީސް ވިދާޅުވީ ގައުމުގެ އަމާންކަމާއި ލޯ އެންޑް އޯޑާ ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމުގެ ގޮތުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް 27 ރަށެއްގައި ޕޮލިސް ސްޓޭޝަން ހުޅުވާފައިވާ ކަމަށެވެ. އަދި މިހާރު އެ ހިދުމަތް ގާއިމުނުވާ 39 ރަށުގައި މި އަހަރު އެ ހިދުމަތް ގާއިމުކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ނަތީޖާއެއްގެ ގޮތުން މި އަހަރު ނިމޭއިރު ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައި ނުވާ އެއްވެސް ރަށެއް ނުހުންނާނެ،"

މީގެ އިތުރުން މިހާރު 20 ރަށެއްގައި ގާއިމުކޮށްފައިވާ ފުލުހުންގެ ހިދުމަތްދޭ ވަގުތީ ތަންތަން ބަދަލުކޮށް، ދާއިމީ ސްޓޭޝަނަކަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އިތުރަށް ފާހަގަކުރެއްވީ ޑްރަގާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ، ފުލުހުންގެ ހިދުމަތުގައި އިންސާނީ ވަސީލަތުގެ ގޮތުންނާއި އެހެނިހެން ވަސީލަތްތަކުގެ ގޮތުން މި އަހަރު އިތުރުވެގެންދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *