ދަތުރުފުޅުތަކުގައި ވަޒީރުން ގެންދަވާ ސަބަބު ރައީސް ސާފުކޮށްދެއްވައިފި

ދަތުރުފުޅުތަކުގައި ވަޒީރުން ގެންދަވާ ސަބަބު ރައީސް ސާފުކޮށްދެއްވައިފި

ވަޒީރުންގެ ބޮޑުވަފުދަކާއެކު ރަށްރަށަށް ދަތުރުފުޅު ކުރައްވަނީ ތަރައްގީގެ މަޝްރޫއުތަކުގެ ސްޕީޑު އަވަސްކުުރުމުގެ ބޭނުމުގައި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. މާރަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ޖަލްސާތައް ބާއްވަނީ ކަންކަން ހައްލުކުރުމުގެ ނިޔަތުގައި ކަމަށެވެ.

"އަޅުގަނޑު އެކަނިވެސް އާދެވޭނެ ދަތުރުތަކުގައި އައިސްފައި ހަމަ ކައުންސިލާ ބައްދަލުކޮށްލާފައި ކައުންސިލުގެ ފަރާތުން ވިދާޅުވާ ކަންކަން ނޯޓުކޮށްލައިގެން ގޮސް އެކަން ވޭތޯ ބަލައިދޭނަމޭ ނޫނިއްޔާ އެކަހަލަ ގޮތަކަށްވެސް ޖަވާބު ދެވޭނެ" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއަށް ފަހު ރައީސް ވިދާޅުވީ ބޮޑު ވަފުދެއް ގޮވައިގެން ރަށްރަށަށް ދަތުރުފުޅު ކުރެއްވުމަކީ ބޭކަރު ހަރަދުތަކެއް ކަމަށް ބުނެ އިދިކޮޅު ފާޑުކިޔަމުންދާ ކަމަށެވެ. އެކަމަކު އެއީ އެކަން ހިނގާ ގޮތް ނޫން ކަމަށް ވިދާޅުވެ ފާޑުކިޔުންތަަކަށް ރައީސް ރައްދު ދެއްވި އެވެ.

"އަޅުގަނޑުމެން ބޭނުންވީ ވަރަށް އަވަސް ފުރުސަތެއްގައި ކަންކަން ހަމަޖެހިގެން ގޮސް ނަތީޖާ ނެރެވޭނެ ގޮތަކަށް ބާރު ސްޕީޑުގައި ގެންދިޔުން.. ހަރަދު ބޭކާރުވާނީ ހަގީގަތުގައި ލަސްވެގެން ގޮސް ގެއްލިގެންދާ ދުވަސްތަކުން އެ ލިބޭ ގެއްލުން މާ ބޭކަރު ހަރަދުތަކަށް އެބަވޭ" ވިދާޅުވި އެވެ.

ރައީސް ސިފަކުރެއްވި ގޮތުގައި ރައްޔިތުންނާއެކު ބޭއްވޭ ބައްދަލުވުންތަކަކީ "ސީރިޔަސް" މަސައްކަތްތަކެއް ހިނގާ ބައްދަލުވުންތަކެވެ. އަދި އެއީ މަސައްކަތު ބައްދަލުވުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ސީރިޔަސް ވަގުތުތަކެއް ހޭދަކުރަނީ ރަށުގެ ތަރައްގީއަށްޓަކައި ކަންކަން ކުރުމުގައި" އެމަނިކުފާނު ވިދާޅުވީ އެގޮތަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުން ބޭނުންވާ ކަންކަމުގެ އަމަލީ ސިފަ ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ރައީސްގެ ޕްލޭނަކީ ކުރިއަށް އޮތް 2 އަހަރު ތެރޭގައި ބަޖެޓުގައި ޖަހާފައިވާ މެދު ފަންތީގެ ހުރިހާ މަޝްރޫއުތަކެއް ނިންމުން ކަމަށެެވެ. ބޮޑެތި މަޝްރޫއުތައް ނިންމަން 3 އަހަރުދުވަސް ނަގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *