ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅޭ ބޭރުގެ ގޮތްނޭނގޭ އުޅަނދުފަހަރަށް މަސްވެރިންނާ އަދި ދަތުރުފަތުރުކުރާ ފަރާތްތަކުން ނާރަން ބާރަށު ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ހަވާލާދީ ބާރަށު ކައުންސިލުގެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިފަހަކަށް އައިސް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅޭ ބޭރުގެ ގޮތްނޭނގޭ އުޅަނދުފަހަރަށް މަސްވެރިންގެ އުޅަނދުފަހަރުން އަރާ އެފަދަ އުޅަނދުތައް ހިފަހައްޓަމުން ގެންދާ ކަމަށެވެ.
އެފަދަ ގޮތްނޭނގޭ އުޅަނދުފަހަރުގައި ނުރައްކާތެރި ކުށްވެރިން މަދުން ނަމަވެސް ތިބޭކަން އެމްއެންޑީއެފުން ފާހަގަކޮށްފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން އަންގާފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ބާރަށު ކައުންސިލުން ބުނި ގޮތުގައި އެފަދަ އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެ ނަމަ އެފަދަ އުޅަނދުފަހަރަށް އެރުމުގެ ބަދަލުގައި ލަސްނުކޮށް ކޯސްޓްގާޑަށް ނުވަތަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް އެ މައުލޫމާތު ހިއްސާކުރަން އަތޮޅު ކައުންސިލުން އަންގާފައިވާ ކަމުގަ އެވެ.
މަސްވެރިންނާ އަދި ދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް ބާރަށު ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ވެސް ކަނޑުމަތިން ބެހިގެން އައި ބަޔަކު ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ވަނީ ހިފަހައްޓާފަ އެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ ތިން މީހުން ތިބި ޑިންގީ ހިފެހެއްޓީ ޝައްކުވެގެން ކަމަށެވެ. އޭގައި ތިބީ ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.