ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައި ކޯޓުގައި އެދުމުން، ހައިކޯޓުން އެކަމަށް އަމުރެއް ނެރެއެއް ނުދިނެވެ.
މި މައްސަލައިގައި ހައި ކޯޓުން ބުނީ އޭސީސީއިން ބޭނުންވާ ވަގުތީ އަމުރަކީ މައްސަލައިގައި މައުލޫއީ ގޮތުން ކޯޓުން ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ. އެހެން ކަމުން، ވަގުތީ އަމުރު ނުނެރެން ނިންމައި ދަށު ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލު ކުރިއެވެ.
ހައިކޯޓުން ބުނީ، އޭސީސީން އެދިފައިވާ ފަދައިން އިސްތިއުނާފީ މަރުހަލާއިން، ވަގުތީ އަމުރެއް ނެރެ ދިނުމަށް ބެލިއިރު، ވަގުތީ އަމުރު ނުނެރެފިނަމަ އަމުރަށް އެދޭ ފަރާތަށް ލިބޭނެ ގެއްލުމުގެ ތަފްސީލުގައި ބަޔާން ކޮށްފައިވާ ކަންކަމަކީ އަސްލު މައްސަލައިގެ މައުލޫގައި ގޮތް ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތަކެއް ކަމަށެވެ. އެހެންވެ އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް މިހިނދަށް ނެތް ކަމަށެވެ. އަދި މިގޮތަށް ހައިކޯޓުން ހުކުމް ކުރީ މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.
މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އަދި ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސަން އެ ކޮމިޝަނުން ފުލުހުންނަށްވެސް މީގެކުރިން އެންގިއެވެ. ނަމަވެސް, އޭގެފަހުންވެސް ފުލުހުންގެ އިދާރާއިން ވަނީ ފުލުހުންނަށް ޕްރޮމޯޝަން ދީފައެވެ. އޭސީސީން މި މައްސަލައިގައި އެގޮތަށް އެންގީ އެ ކޮމިޝަނަށް ހުށަހެޅިފައި އޮތް މައްސަލައަކާއި ގުޅިގެންނެވެ.