ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހުވަދުއަތޮޅުން ވަޑައިނުގެންނެވި ހުރި ރަށްތަކަށް ޒިޔާރަތްކުރައްވައި އަދި ބައްދަލު ނުކުރެއްވި ހުރި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެއެވެ.
އެމަނިކުފާނު ވަނީ މިދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވިދާޅުވެދެއްވާފައެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ހިއްސާ ކުރައްވާފައިވެއެވެ.