ބޭރު ފައިސާ އާ ބެހޭ ބިލު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
ބޭރު ފައިސާ އާ ބެހޭ ބިލު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި އިރު، ޑޮލަރު މާރުކުރުން އިސްތިސްނާވާ އުމުރު ވަނީ 12 އަހަރަށް ބަދަލުކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މިދިޔަ ހޯމަ ދުވަހު ހުށަހެޅުއްވީ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު, އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. ބިލު މަޖިލިހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ.
މިއަދު ހެނދުނު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބިލާ ގުޅޭގޮތުން ހިޔާލު ހޯދުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޭފުޅުންނާ މިއަދު ބައްދަލުކުރި އެވެ. ނަމަވެސް އެ ޖަމިއްޔާގެ އެދުމުގެ މަތިން ކޮމިޓީގެ ބައްދަލުވުން ސިއްރުކުރި އެވެ.
އެނގިފައިވާ ގޮތުގައި އެ ބިލު ކޮމިޓީން ފާސްކުރީ މަޓީގެ ހުށަހެޅުން ނުހިމަނަ އެވެ. އެ ޖަމިއްޔާއިން ހުށަހެޅީ ރިސޯޓްތަކުގެ އާމްދަނީން ޑޮލަރު މާރުކުރަން ގާނޫނުން މަޖުބޫރުކުރާ އަދަދު، %10-%15 އާ ދެމެދުގެ އަދަދެއް ހަމަޖެއްސުމަށެވެ.
އެ ބައްދަލުވުމުގައި ބިލުގެ މަސައްކަތް މިއަދު އިރުއޮއްސި 6:00 އަށް ނިންމަން ފާސްކުރި އެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ބާރަށު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އިބްރާހީމް ޝުޖާއު އެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު ހަމަދު އަބްދުﷲ އެވެ.
ބިލުގެ މަސައްކަތް ނިންމައި ކޮމިޓީގެ އަގުލަބިއްޔަތުން ބިލު ފާސްކޮށްފައި ވަނީ މިއަދު ހަވީރު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
ބިލާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހްމަދު ޝަމްހީދެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ވިޔަފާރިވެރިޔާ އަދި ކޮމިޓީގެ މުގައްރިރު މާމިގިލި ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ގާސިމް އިބްރާހިމް އަދި މަޖިލިހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަހްމަދު ނާޒިމް ބައިވެރިވެ ވަޑައިނުގަންނަވަ އެވެ.