ބަންކަރިންގެ ހިދުމަތަކީ އަހަރުތަކެއްފަހުން އިގްތިސޯދަށް އެންމެ މުހިންމު ސިނާއަތަށް ވެގެންދާނެ: ޝިމާދު

ބަންކަރިންގެ ހިދުމަތަކީ އަހަރުތަކެއްފަހުން އިގްތިސޯދަށް އެންމެ މުހިންމު ސިނާއަތަށް ވެގެންދާނެ: ޝިމާދު

މީގެ އަހަރުތަކެއް ފަހުން ބަންކަރިންގެ ހިދުމަތަކީ ރާއްޖޭޣެ އިގްތިސޯދަށް އެންމެ މުހިންމު ސިނާއަތަށް ވެގެންދާނެ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ. ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ.

ބަންކަރިންގެ ޚިދުމަތާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ ކޮންމެ އިންވެސްޓްމަންޓެއްގައިވެސް ލައިފްސައިކަލެއް އޮންނާނެ ކަމަށެވެ. އަދި މިހާރު ރާއްޖެ އޮތީ އެންމެ ފުރަތަމަ މަރުހަލާގައި ކަމަށާއި ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮންނަ ސަރަހައްދުގެގޮތުން ބަންކަރިންގ ތަރައްގީވެ ކުރިއަރާދާއިރު މިއީ ވަރަށް މުހިންމު ސިނާއަތަކަށް ވާނެކަމަށް ގަބޫލުކުރައްވާ ކަމަށް ޝިމާދު ވިދާޅުވިއެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ބައިނަލްއަޤްވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެން ފަށާފައިވާއިރު، ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ގެނައި 2 ބޯޓަކީ ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލޭ ބޯޓުތަކެކެވެ.

ރާއްޖެ އޮންނަ ސަރަޙައްދަކީ ބައިނަލްއަޤްވާމީ އެތައް ލައިނަރއެއް ދަތުރުކުރާ މައި އެއް ރޫޓެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބޯޓުފަހަރެއް އެތައް ބިލިޔަން ޑޮލަރުގެ މުދާ ކޮންޓެއިނަރާއެކު ރާއްޖޭގެ އެންމެ އުތުރުން ދަތުރުކުރެއެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެން ޚިދުމަތް ދޭ ގޮތަށެވެ. އެހެންނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ ކުރިމަގުގައި ބިން ހިއްކައިގެން ތެޔޮ ތާނގި ބަހައްޓައިގެން ޚިދުމަތްދިނުމަށެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމުން ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް މުޅިން އަލަށް 400 މިލިޔަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *