ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 44 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކޮށް، ޕްރޮޖެކްޓް ނުފަށަނީސް މިދިޔަ އަހަރު އެ ޕްރޮޖެކްޓްގެ ފައިސާ އެ ފަރާތައް ދިން މައްސަލައިގައި އެ ކުންފުންޏާއި، އާސަންދަ ކޮންމެނީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަކީ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުންޏެކެވެ.
އާސަންދައިގެ ފަރާތުން ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާ ހަވާލުކުރީ 6 ބުރީގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށެވެ. ސެޕްޓެމްބަރު، 2016 ގައި ހަވާލުކުރި މި ޕްރޮޖެކްޓުގެ އަގަކީ 61 މިލިއަން ރުފިޔާއެވެ. އެ ޕްރޮޖެކްޓުން ނޯތު ކޯސްޓަށް 3 ޕަސެންޓް ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު އަންދާޒާ ކޮށްފައި އޮތެވެ.
އެ ޕްރޮޖެކްޓް ނިންމަން ހަވާލުކުރީ 15 މަސް ދުވަހުގެ މުއްދަތަށެވެ. ނަަމަވެސް މަސައްކަތް ކުރިއަށް ނުގޮސް އޮއްވައި، ޖޫން 2017 ގައި ބަޖެޓް މައްސަލަތަކަކާ ހުރެ އާސަންދައިން ޕްރޮޖެކްޓް މަޑުޖައްސާލަން އެންގިއެވެ. އެކަމާއި ގުޅިގެން ނޯތު ކޯސްޓަށް ގެއްލުންވި ކަމަށްބުނެ ސަރުކާރާއެކު ހެދި ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން އެހެން މަޝްރޫއެއް އެ ކުންފުންޏާ ހަވާލުކޮށް، 44 މިލިއަން ރުފިޔާ މިދިޔަ އަހަރު އެ ކުންފުންޏަށް ދޫކޮށްފައިވެއެވެ.
އެ މައްސަލަ ފުލުހަށް ހުށަހަޅަންވެސް މީގެކުރިން އެކޮމިޓީން ވަނީ ނިންމައިފައެވެ. ކޮމިޓީން އެގޮތަށް ނިންމުމާ ގުޅިގެން، އެ ކުންފުނިން ކޮމިޓީއަށް ފިނުވި ސިޓީއެއްގައި ބުނެފައިވަނީ، ކޮމިޓީގެ އެ ނިންމުމާ ގުޅިގެން އެ ކުންފުންޏާ ގޫޅޭގޮތުން މީޑިޔާ ތަކުގައި ފަތުރަމުންދާ ހަގީގަތާ ޚިލާފު ވާހަކަ ތަކުގެ ސަބަބުން ކުންފުނީގެ އަގު ވެއްޓި އޭގެ ގެއްލުން އިންތިއަށް ލިބެމުންދާ ކަމަށެވެ. އަދި އެފައިސާއަކީ ސްކޭމުން ހޯދާފައިވާ ފައިސާއެއް ކަމަށް ދޭހަވާގޮތަށް އާއްމުންގެ ތެރޭައި ވާހަކަ ދެކެމުން ދިއުމަކީ ޒިންމާދާރު ގޮތެއް ނޫންކަން ފާހަގަކޮށް، އެ މައްސަލައިގެ މައުލޫމާތު ކޮމިޓީގައި ހިއްސާ ކުރުމުގެ ފުރުސަތެއް ދިނުމަށް އެ ކުންފުންނިން ކޮމިޓީގައި ވަނީ އެދިފައެވެ.
އެކަމާގުޅިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އެކަމާބެހޭ މައުލޫމާތުތައް ސާފު ކުރުމަށް އެ ކުންފުނީގެ އިތުރުން އާސަންދަ ކުންފުންނާއި، އެޗްޑީސީވެސް ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ. ކޮމިޓީން ވަނީ އެ ތިން ފަރާތް ކޮމިޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރު އަލީ ހަމީދު ވަނީ ފަހުން އެމްޑީޕީއަށް ބަދަލުވެފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތްއިރު، އެ މެންބަރުންގެ ތެރޭގައި އަލީ ހަމީދުވެސް ހިމެނިވަޑައިގަންނަވައެވެ.