ހުޅުމާލެއިން ދޫކުރި ބިންތަކެއް އަތުލި މައްސަލައެއްގައި އެޗްޑީސީއާ ދެކޮޅަށް އަމުރެއް ނެރެފި

ހުޅުމާލެއިން ދޫކުރި ބިންތަކެއް އަތުލި މައްސަލައެއްގައި އެޗްޑީސީއާ ދެކޮޅަށް އަމުރެއް ނެރެފި

ހުޅުމާޅޭގައި ކޮމާޝަލް އަދި ލަގްޒަރީ ރެޒިޑެންޝަލް އިމާރަތްތަކެއް އެޅުމަށް ރުއްގަނޑު ހޮޓަލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް (އާރުއެޗްއާރް)އާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުންތައް ބާތިލުކުރި މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލަ ނިމެންދެން، އެ ބިންތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް ސިވިލް ކޯޓުން، އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ކޮށްފި އެވެ.

ސިވިލް ކޯޓުގެ އެ އަމުރުގައި ވަނީ އާރުއެޗްއާރުން އެދުނު ގޮތަށް ހުޅުމާލެ ލޮޓް ނަންބަރު، 20096 އާއި 20097 އާއި 20093 އަށް އެއްވެސް ބަދަލެއް ނުގެނެސް ބޭއްވުމަށެވެ.

އަމުރުގައި ވަނީ އެ ކޯޓުން ބަލަމުންދާ މައްސަލައިގެ ހުކުމެއް ކުރާއިރު، އެ ބިމުގައި މަސައްކަތްތަކެއް ކޮށްފި ނަމަ، ނުވަތަ އެހެން ބަޔަކަށް ދޫކޮށްފި ނަމަ ހުކުމް ތަންފީޒު ކުރަން ހުރަސް އެޅިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ކޮމާޝަލް އަދި ލަގްޒަރީ ރެޒިޑެންޝަލް އިމާރަތްތަކެއް އެޅުމަށް އާރްއެޗުއާރުއެކު ހަދައިފައިވާ އެއްބަސްވުން އެޗްޑީސީން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް 18 ގަ އެވެ. އެ އެއްބަސްވުން އެޗްޑީސީން ބާތިލުކުރުމުން، އާރްއެޗްއާރުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ، އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފަ އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އާރްއެޗުއާރުން ބަޔާންކޮށްފައިވަނީ އެޗްޑީސީއާއެކު ވީ ކޮމާޝަލް އެއްބަސްވުމުގެ ދަށުން އެއްބަސްވުން ބާތިލު ކުރުމާ ހަމައަށް އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި 352،154.60 ޑޮލަރާއި ރެޒިޑެންޝަލް އެއްބަސްވުމުގެ ދަށުން އެއްބަސްވުން ބާތިލު ކުރުމާ ހަމައަށް 588،847.7 ޑޮލަރު ދައްކާފައިވާ ކަމަށެވެ.

ނަމަވެސް އެ ފައިސާ ދައްކާފައި އޮތްއިރު ވެސް ހަވާލު ކުރަންޖެހޭ ބިންތައް އެއްބަސްވުމާ އެއްގޮތަށް އެޗްޑީސީން އާރުއެޗްއާރާ ހަވާލު ކޮށްފައި ނުވާ ކަމަށާއި، އެ ބިންތައް ހަވާލު ކޮށްދިނުމަށް އެދި ފަސް ފަހަރު އެޗްޑީސީއަށް ސިޓީ ފޮނުވާފައިވާ ކަމަށް އާރުއެޗްއާރުން ބުނެފައިވެ އެވެ.

ވަގުތީ އަމުރެއް ނެރެދިނުމަށް އާރުއެޗްއާރުން އެދިފައިވާ އަނެއް ސަބަބަކީ، ކޮންސެޕްޓު ޑިޒައިން ހުށަހަޅާފައި ނުވާތީ ކަމަށް ބުނެ އެޗްޑީސީން އެއްބަސްވުންތައް ބާތިލު ކުރީ އެތައް ފަހަރަކު އެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް އެއްބަސްވުމުގައި އޮތް މުއްދަތު އިތުރު ކޮށްދޭން އެދިފައި އޮއްވައި ކަމަށެވެ.

އެ މައްސަލައިގައި ޖަވާބުދާރީވަމުން އެޗްޑީސީން ބުނެފައި ވަނީ އާރުއެޗްއާރުގެ ދައުވާއިން ވެސް އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެން ޖެހޭ ޖާގައެއް ނެތްކަން ސާފުވާ ކަމަށެވެ. އަދި ވަގުތީ އަމުރެއް ނެރޭ ނަމަ ސެކުއިރިޓީ ޑިޕޮސިޓުގެ ގޮތުގައި 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަހައްޓައިދޭން އެދޭ ކަމަށް ވެސް އެ ކުންފުނިން ކޯޓުގައި އެދުނެވެ.

އެޗްޑީސީ އާ ދެކޮޅަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާއިރު، އެ ތިން ބިމަކީ ކޮން ސަރަހައްދެއްގައި އޮތް ތިން ބިން ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *