މަރާމާތަށްފަހު އާސަހަރާ މިސްކިތާއި ހިނަވާގެ މިއަދު ހުޅުވައިފި

މަރާމާތަށްފަހު އާސަހަރާ މިސްކިތާއި ހިނަވާގެ މިއަދު ހުޅުވައިފި

ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ނިންމައި، މާލޭގެ އާސަހަރާ މިސްކިތާއި ހިނަވާގެ މިއަދު ހުޅުވައިފި އެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސަހަރާގެ މިސްކިތާއި ހިނަވާގެ ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި މާލެ ސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމެވެ. މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އާސަހަރާ މުޅިން މަރާމާތުކުރުމުގެ މަޝްރޫއަކީ ރައީސް މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު އެ މަނިކުފާނު ފެއްޓެވި މަޝްރޫއެކެވެ.

މާލޭގެ އާސަހަރާ ތަރައްގީކުރަން ބަންދުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވައިދެއްވުމަށްފަހު މީޑިއާއާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އާސަހަރާ މިސްކިތާއި ހިނަވާ ގޭގެ ޖާގަ އިތުރުކޮށް އާސަހަރާ މިސްކިތް މަރާމާތުކުރެވުނީ މޭޔަރުކަމުގައިި ހުންނެވިއިރު ބޭނުންފުޅުވި ގޮތަށްކަމަށާއި، ރައްޔިތުން އެދޭކަހަލަ ތަނަކަށް އެތަންވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވީ އާސަހަރާ މިސްކިތަކީ އެންމެ ހިތްގައިމު ޖާގަ ތަނަވަސްތަނަކަށް ހެދުމަށް ކަމަށެވެ. ހާއްސަކޮށް، އާއިލާތަކަށް އެންމެ ހިތްދަތިވަގުތު ވެސް އެތަނުގައި ތިބޭއިރު ފަސޭހައިން ތިބެވޭނެ އިންތިޒާމެއް ހަމަޖައްސަވަން ބޭނުންފުޅުވި ކަމަށާއި، އެގޮތުން އެމަސައްކަތް މިއަދު ނިމިފައިހުރުމަކީ ލިބޭ އުފަލެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެތަން ތަރައްގީކުރެވިފައިވަނީ ބޭނުންފުޅުވި ކޮންސެޕްޓަށް ކަމަށެވެ. އެކަން ހަގީގަތަކަށްވެ ރައްޔިތުން އެދޭކަހަލަ ފަސޭހަތަނަކަށް އެތަން ވާނެކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *