ރިޝްމާ ބާސްކެޓް ކުޅުން ހުއްޓާލައިފި

ރިޝްމާ ބާސްކެޓް ކުޅުން ހުއްޓާލައިފި

ރާއްޖޭގެ އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާކަމަށް ބެލެވޭ ފާތިމަތު ރިޝްމާ، 22 އަހަރުގެ ފަހުން ކުޅުން ހުއްޓާލައިފިއެވެ.

ރިޝްމާ މި ނިންމުން އިޢުލާން ކުރީ ސޯޝަލް ސެންޓަރުގައި ބޭއްވުނު ސުޕަރ ކަޕް 2024 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތަށްފަހުގައެވެ.

2002 ވަނަ އަހަރު ބާސްކެޓްބޯޅަ ކުޅެން ފެށި ރިޝްމާ، ރާއްޖޭގެ ޤައުމީ އަންހެން ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވެއެވެ. އޭނާގެ ކުޅުންތެރިކަމުގެ ކެރިއަރުގައި ރާއްޖޭގައި ބޭއްވުނު ހުރިހާ ބާސްކެޓްބޯޅަ މުބާރާތެއް ކާމިޔާބު ކޮށްފައި ވާއިރު، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވެއެވެ.

ރިޝްމާގެ އެންމެ ފަހުގެ ކާމިޔާބީގެ ގޮތުގައި، ސުޕަރ ކަޕް 2024 ގައި ރާއްޖޭގެ ކުއީންސް ބާސްކެޓްބޯލް ކުލަބާއެކު ރިހި މެޑެލް ހޯދުމުގެ އިތުރުން، ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ.

ބާސްކެޓްބޯޅައިގެ އިތުރުން ރިޝްމާ ވަނީ ނެޓްބޯޅަ، ހޭންޑްބޯޅަ އަދި ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި 2017 ވަނަ އަހަރު ކުޅިވަރު ކުޅުމާއި މީހުން ތަމްރީނުކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހާސިލުކުރިއެވެ.

ރިޝްމާ މިހާރު އަންނަނީ ކުޅުންތެރިކަމުގެ އިތުރުން ތަމްރީނުދޭ މީހެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުންނެވެ. އޭނާ ވަނީ ނެޓްބޯޅަ، ހޭންޑްބޯޅަ އަދި ބާސްކެޓްބޯޅައިގެ ކޯޗިންގ ލައިސަންސް ހާސިލުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *