މުޅި ރާއްޖެ ތަރައްގީގެ ތަސައްވަރާއި ދިވެހިންނަށް ފައިދާވާ ތަސައްވަރެއް އަދިވެސް އޮތީ އެމްޑީޕީގައި: ޝާހިދު

މުޅި ރާއްޖެ ތަރައްގީގެ ތަސައްވަރާއި ދިވެހިންނަށް ފައިދާވާ ތަސައްވަރެއް އަދިވެސް އޮތީ އެމްޑީޕީގައި: ޝާހިދު

މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާއި، ހުރިހާ ދިވެހިންނަށް ކުރާނެ ތަސައްވަރެއް އޮތީ އަދިވެސް ހަމައެކަނި އެމްޑީޕީގައި ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށާއި އެ އެއާޕޯޓުގެ މަސައްކަތް ނިމުމުން ބޮޑިތިލަދުންމައްޗަށާއި މުޅި ރާއްޖެއަށް ތަރައްގީގެ މުޅިން އާ ބާބެއް ފެށިގެންދާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއިންނެވެ. އެ އެއާޕޯޓުގެ މަޝްރޫއަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ 69 ޕަސަންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

"ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށީ އުތުރުގެ އަތޮޅުތަކާއި އަދި މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރާއެކު. މި އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބޮޑު ތިލަދުންމައްޗަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ސަރަހައްދީ މަރުކަޒަކަށް ވެގެންދާނެ. މިއީ ބޮޑު ތިލަދުންމައްޗާއި މުޅި އުތުރުގެ ތަރައްގީގެ މުޅިން އާ ބާބެއްގެ ފެށުން. މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާއި، ހުރިހާ ދިވެހިންނަށް ތަރައްގީގެ ފައިދާވާ ތަސައްވުރެއް އަދިވެސް އޮތީ އެމްޑީޕީގައި. މި ކާމިޔާބު މަޝްރޫއަށް އިންޑިޔާއިން މާލީ އެހީތެރިކަން ހޯދައި، މަސައްކަތް ހަލުވި ސްޕީޑުގައި ފެށުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ" ޝާހިދު ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމު ކުރާނެއެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރާނެއެވެ. އެ އެއާޕޯޓް ޑިޒައިން ކޮށްފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެ ފަދަ، ދިވެހިވަންތަ ފަރުމާ އަކަށެވެ. އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ޚިދުމަތްދެވެން ހުންނާނެއެވެ.

އެ އެއާޕޯޓް މަޝްރޫއުގެ އަގަކީ 136.6 މިލިއަން ޑޮލަރެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫޢު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވެފައިވަނީ އިންޑިޔާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީއަށް މުހިއްމު ގައުމެއް ކަމަށެވެ.

ރާއްޖޭގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެތައް މަޝްރޫއެއްގައި އިންޑިޔާގެ ހިއްސާއެއް އޮތުމަކީ ރާއްޖޭގެ ތަރައްގީއަށް އެގައުމުން އިސްކަން ދޭކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ. އަދި އިފްތިތާހު ކުރެވިގެންދިޔަ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު މަޝްރޫއަކީ މުޅި ރާއްޖޭގެ އިގްތިސޯދަށް ހެޔޮ ބަދަލެއް އަންނާނެ މަޝްރޫއެއް ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

"ރާއްޖޭގެ އުމްރާނީ ތަރައްގީގެ ކުރިއެރުވުމުގައި ފާއިތުވި އަހަރުތަކުގައި އަދި މިއަދާ ހަމަޔަށްވެސް އިންޑިޔާ ސަރުކާރުން ދަނީ ކެނޑިނޭޅި ނުހަނު ގިނަ އެހީތަކެއް ވެދެއްވަމުން. އިންޑިޔާއިން ހަމަޖައްސާ ދެއްވާފައިވާ ގާތްގަނޑަކަށް 2.7 ބިލިއަން ޑޮލަރުގެ އެހީގެ ތެރެއިން 173.4 މިލިއަން ޑޮލަރުގެ އެހީއަކީ ހިލޭ އެހީ. އަޅުގަނޑުމެން މިދަނީ މިއެހީތެރިކަމުގެ ދަށުން އުމްރާނީ ތަރައްގީގައި ބޮޑެތި މަޝްރޫއުތައް ހިނގަމުން." ޝާހިދު ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *