ރާއްޖެއިން، އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން އެއް އަހަރަށް ފަސްކޮށްދީފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި ސަރުކާރުން ވަނީ އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފައެވެ.
އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އޭގެ ތެރެއިން މިދިޔަ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ މޭ މަހު އަނބުރާ ދައްކަން ޖެހިފައި ވަނިކޮށް އެ ފައިސާ ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް އެ މަހު ދަންމާލި އެވެ. ނަމަވެސް ތިން ވަނަ ޓީ ބިލް ދެއްކުމުގެ މުއްދަތު މި މަހު ހަމަވެ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާ ސަރުކާރުން އެގޮތަށް ނިންމާފައިވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިދިޔަ މޭ މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ކުރެއްވި މަޝްވަރާތަކާ ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ. މިއީ މި އަހަރުގެ ޓްރެޜަރީ ބިލުގެ ދެވަނަ ބައި ކަމަށް ވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާ ކޮށްފަ އެވެ،،،" ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މަޝްވަރާތަކުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.
"ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރަމެވެ. އަދި މި އެހީތެރކަން ލިބިގެން މިދިޔައީ އިގުތިސާ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.