(އެޑިޓަރުގެ ނޯޓް: މިއީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ، "މާލެ ޓައިމްސް" އަށް ލިޔުއްވާފައިވާ ލިޔުމެކެވެ.)
ޓެކްނޮލޮޖީއަށް އައިސްފައިވާ ހަލުވި ކުރިއެރުމާއިއެކު މުޅި ދުނިޔެ ގުޅިލާމެހިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެން މިވަނީ ސްމާރޓް ފޯނުއާއި ޓެބްލެޓްއާއި ލެޕްޓޮޕް އާއި އެހެނިހެން ސްމާރޓް އާލާތް ތަކުގެ ގަދަ ނުފޫޒުގައި ޖެހި އެތަކެތީގެ އަޅުންނަށް ވެފައެވެ.
މި ލިޔުމުގައި އަޅުގަނޑު ބަލައިލަން ގަސްތު ކުރަނީ ޑިޖިޓަލް ދުޅަހެޔޮކަމުގެ މުހިއްމުކަމާއި ޓެކްނޮލޮޖީއާ ދުޅަހެޔޮ ގުޅުމެއް ޤާއިމް ކުރުމަށް ސްކްރީންއަށް ބެލުމުގައި ހޭދަކުރާ ވަގުތު މެނޭޖް ކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.
އަޅުގަނޑުމެންގެ ނަފްސާނީ، ޖިސްމާނީ، އަދި ޖަޒްބާތީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށްޓަކައި މިފަދަ ޑިޖިޓަލް އާލާތްތައް ބޭނުންކުރުމާއި ޑިޖިޓަލް މުޢާމަލާތްތައް ކުރުން ބެލެންސް ކުރުމަށް ކުރާ ހޭލުންތެރި މަސައްކަތްތަކަށް ޑިޖިޓަލް ދުޅަހެޔޮކަމޭ ކިޔައެވެ. އެއްވެސް ހާލަތެއްގައި ޑިޖިޓަލް ދުޅަހެޔޮކަމުގެ އަމާޒަކީ އަޅުގަނޑުމެންގެ ދިރިއުޅުމުން ޓެކްނޮލޮޖީ ނައްތާލުމެއް ނޫނެވެ. އޭގެ ބޭނުމަކީ ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތަކަށް އުނިކަމެއް ލިބުމުގެ ބަދަލުގައި އެތަކެތިން އަޅުގަނޑުމެންނަށް ލިބެނީ ފައިދާކަން ކަށަވަރު ކުރުމެވެ.
ޑިޖިޓަލް ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭ މައިގަނޑު އެއް ކަމަކީ ޑިޖިޓަލް އާލާތްތަކުގެ ސްކްރީނަށް ބެލުމުގައި އަޅުގަނޑުމެން ހޭދަކުރާ ވަގުތު ނުވަތަ ސްކްރީން ޓައިމް މެނޭޖް ކުރުމެވެ. ސްކްރީން ޓައިމް މެނޭޖް ކުރުމަކީ އިލެކްޓްރޯނިކް އާލަތްތަކަށް ބެލުމުގައި ހޭދަކުރާ ވަގުތާއި އެ ވަގުތު ބޭނުންކުރާ ގޮތް ކޮންޓްރޯލް ކުރުމެވެ. އެއީ އެތަކެތި ބެލުމުގައި ހޭދަ ކުރާ ވަގުތުގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކޮށް ދުޅަހެޔޮ އާދަތައް އަށަގެންނެވުމަށްޓަކައެވެ.
ޑިޖިޓަލް ދުނިޔޭގައި އަޅުގަނޑުމެން ތިބެނީ މެދުކެނޑުމެއް ނެތި އެކަކު އަނެކަކާ ގުޅިފައެވެ. މި ގޮތަށް ތާ އަބަދު ގުޅިފައި ތިބުމުން ހާސްކަމާއި ކަންބޮޑުވުމާއި ނަފްސާނީ ވަރުބަލިކަން އިންސާނާއަށް ކުރިމަތި ކުރުވައެވެ. މެދުކެނޑުމެއް ނެތި އަންނަ ނޮޓިފިކޭޝަންތަކާއި، މަޢުލޫމާތު އޯވަރލޯޑް ވުމަކީ އިންސާނާ ބަރން އައުޓްވާ ކަމެކެވެ. އަދި އެކި އެކި އިޖްތިމާޢީ މަންސަތަކުގައި އެކަކު އަނެކަކާ އަޅާކިޔުމުގެ ސަބަބުން ތިމާއަކީ އަނެކާއަށްވުރެ ދެރަ ނުވަތަ ދަށް އިންސާނެއްކަމުގެ އިހުސާސްތައް ކުރެވެއެވެ.
އިޖްތިމާޢީ މަންސަތަކުގައި ކުރެވޭ ބައެއް މުޢާމަލާތް ތަކުގެ ސަބަބުން އަހަރުމެންގެ ޖަޒުބާތީ ދުޅަހެޔޮކަމަށް އަސަރުކުރެއެވެ. މަސްނޫޢީ ދުނިޔޭން ފެންނަ، ވަކިގޮތަކަށް ދެއްކުމުގެ ބޭނުމުގައި ފަރުމާ ކުރެވިފައިވާ ކާމިޔާބީއާއި ރީތިކަމާއި އުފާވެރިކަމުގެ ތަސްވީރު ތަކަށް އިންސާނާ މެދުނުކެނޑި ހުށަހެޅުމަކީ އެކަހެރިކަމާއި ހަސަދަވެރިކަމާއި އަމިއްލަ ނަފްސަށް އިޙްތިރާމް ދަށްވުމުގެ އިޙްސާސްތައް އުފެދިދާނެ ކަންކަމެކެވެ.
ސްކްރީނަށް ބަލާ ވަގުތު ކޮންޓްރޯލް ކުރުމަކީ ކަންބޮޑުވުމާއި ހާސްކަމާއި އިޖުތިމާއީ ގޮތުން އެކަހެރިވުމުގެ އިޙުސާސްތައް ކުޑަ ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި އިޖްތިމާއީ މަންސަތައް މާގިނައިން ބޭނުން ކުރުމަކީ ޑިޕްރެޝަން އާއި ހާސްކަމުގެ ނިސްބަތް އިތުރުވާ ކަމެކެވެ.
މާގިނަ ވަގުތު ސްކްރީނަށް ބަލަށް އިނުމުން ލޯ ވަރުބަލިވެ، ނިދަން އުނދަގޫވުމާއި ޖިސްމާނީ ހަރަކާތްތެރިކަން މަދުވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. ސްކްރީނަށް ބެލުމުގައި މާ ގިނަ ވަގުތު އިށީނދެގެން ނުވަތަ އޮށޯވެގެން އޮތުމަކީ ހަށިގަނޑު ބަރުހެލިވުމާއި ހިތުގެ ބަލިތަކާއި މަސްތަކާއި ކަށި ތަކުގެ މައްސަލަތައް ފަދަ ދިގު މުއްދަތަކަށް ދެމިގެންދާ ސިއްހީ ނުރައްކާތައް ކުރިމަތިވާނެ ކަންކަން ކަމުގައި ސިއްހީ މާހިރުން ބުނެއެވެ. ސްކްރީން ބެލުމުގައި ހޭދަކުރާ ވަގުތު މަދު ކުރުމުން ލޮލަށް ކުރާ ބާރު ކުޑަވެ، ހަށިގަނޑު ތެދަށް ބަހައްޓަން މަގު ފަހިކޮށްދީ، އިތުރު ޖިސްމާނީ ހަރަކާތްތައް ކުރުމަށް ވަގުތުވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވެސް ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ސްކްރީން ބަލާ ވަގުތު މަދުކުރުމަށް އިލްތިމާސް ކޮށްފައެވެ. ޑިޖިޓަލް އާލާތް ތަކުގެ ސްކްރީނުން ދޫކުރާ ނޫ އަލީގެ ސަބަބުން މެލަޓޮނިން އުފެއްދުމަށް ހުރަސްއެޅޭއިރު، މިއީ ނިދުމުގެ ބުރަށް ބުރޫއަރާފާނެ ކަމެކެވެ. ޚާއްސަކޮށް ނިދުމުގެ ކުރިން ސްކްރީން ބެލުން މަދު ކުރުމަކީ ނިދީގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކޮށްދޭ ކަމެކެވެ.
ޓެކްނޮލޮޖީގެ ސަބަބުން އުފެއްދުންތެރިކަން އިތުރުވެގެން ދިޔަ ކަމުގައިވީ ނަމަވެސް ބައެއް ފަހަރަށް ޓެކްނޮލޮޖީގެ ސަބަބުން އިންސާނާ ކަންކަމަށްދޭ ސަމާލުކަން ދަށް ކުރުވައެވެ. މާ ގިނައިން ނޮޓިފިކޭޝަންތައް ލިބުމާއި ގިނަ ކަންތައް ތަކެއްގައި އެއް ފަހަރާ މަޝްޢޫލު ވެގެން އުޅެން ޖެހުމުގެ ސަބަބުން މީހާގެ ފޯކަސް ދަށްވެ، މަސައްކަތަށް ދޭންވާ ސަމާލުކަން ކުޑަވެ، އުފެއްދުންތެރިކަން ހަނިވެއެވެ. ކަން މިހެން އޮތްއިރު، ސްކްރީން ބެލުމަށް ހޭދަކުރާ ވަގުތު މެނެޖް ކުރުމަކީ ކުރާ މަސައްކަތަށް ދެވޭ ސަމާލުކަން އިތުރު ކުރުވާ ފޯކަސް ރަނގަޅުވެ، ފުރިހަމައަށް މަސައްކަތް ކުރެވޭނެ ކަމެކެވެ.
ޓެކްނޮލޮޖީގެ އެހީގައި އެކަކު އަނެކަކާއި ގުޅިގެން ތިބުމަށް މަގު ފަހިވެގެންދާއިރު، މިކަމުގެ ސަބަބުން ބައެއް ފަހަރަށް މަޢުނަވީ، 'ފޭސް ޓު ފޭސް' މުޢާމަލާތްތައް އެއްކޮށް ނެތިގޮސް ތިމާއަށް އެކަނިވެރިކަމުގެ އިޙުސާސްތަށް ކުރުވާ ދިރިއުޅުމުގައި ކޮންމެހެން ޤާއިމު ކުރަންޖެހޭ ހަޤީޤީ ގުޅުންތައް ބަލިކަށި ކުރުވައެވެ. ސްކްރީން ޓައިމް މަދު ކުރުމުން މަޢުނަވީ، 'ފޭސް ޓު ފޭސް' ގުޅުން ތަކަށް ވަގުތު ލިބި، ތިމާގެ ގުޅުންތައް ހަރުދަނާ ކުރުމަށް އެހީތެރިވެދެއެވެ. އެއީ ޙާޟިރުވެ ހުރެ، ވިސްނުންތެރިކަމާއެކު މުޢާމަލާތް ކުރުމަށް ހިތްވަރު ލިބޭ ކަމެކެވެ.
ދެން އަޅުގަނޑު މި ބަލާލަނީ ސްކްރީން ބެލުމުގައި ހޭދަވާ ވަގުތު މެނޭޖްކުރުމަށް ބޭނުން ކުރެވިދާނެ ބައެއް އުކުޅު ތަކަށެވެ.
ސްކްރީން ބެލުމުގައި ހޭދަވާ ވަގުތު މެނޭޖް ކުރުމަށް ކުރެވިދާނެ އެއް ކަމަކީ ޑިޖިޓަލް އާލާތްތައް ބޭނުން ކުރުމުގައި ވަކި ހައްދުތަކެއް ކަނޑައެޅުމެވެ. މިސާލަކަށް ދުވަހެއްގައި ޑިޖިޓަލް އާލާތްތައް ބޭނުން ނުކުރާނެ ވަގުތުތަކެއް ކަނޑައެޅިދާނެއެވެ. އެ ގޮތުން ކާ ގަޑިތަކުގައާއި ނިދުމުގެ އެއް ގަޑި އިރު ކުރިން ސްކްރީން ތަކުން ދުރުހެލިވާން ނިންމިދާނެއެވެ. އަދި ނިދާ ކޮޓަރި އާއި ކެއުމަށް ޚާއްސަ ސަރަހައްދު އެއީ 'ޓެކް ފްރީ' ޒޯން ތަކެއްގެ ގޮތުގައިވެސް ކަނޑައެޅިދާނެއެވެ.
ސްކްރީން ބެލުމުގައި ހޭދަވާ ވަގުތު މެނޭޖް ކުރުމަށް ކުރެވިދާނެ ދެވަނަ ކަމަކީ ސްކްރީން ބަލަން ހޭދަވާ ވަގުތު ޓްރެކް ކުރުމެވެ. ގިނަ ސްމާޓްފޯންތަކާއި އެޕް ތަކުގައި ސްކްރީން ބަލަން ހޭދަކުރާ ވަގުތު ޓްރެކް ކުރެވޭނެ ގޮތްގޮތް ހުރެއެވެ. މިފަދަ ބައެއް ޓްރެކިން އާލާތް ތަކުން ސްކްރީން ބެލުމުގައި ތިމާ ހޭދަކުރާ ވަގުތާއި އެންމެ ބޮޑަށް ސަމާލުކަން ދޭ އެޕްތައް މޮނިޓަރ ކުރެއެވެ. މިސާލަކަށް އެޕަލްގެ ސްކްރީން ޓައިމް އާއި ގޫގުލްގެ ޑިޖިޓަލް ވެލްބީންގ އިން ހަފްތާއަކު އެއްފަހަރު ރިޕޯޓްތަކާއި، ސްކްރީން ޓައިމް ކޮންޓްރޯލް ކުރަން އެޅިދާނެ ފިޔަވަޅުތަކުގެ މަޢުލޫމާތު ލިބެއެވެ.
އެއްވެސް ގޮތަކަށް ސްކްރީން ނުބަލާނެ ވަގުތު ތަކެއް ދުވަހީ ތާވަލުގައި ކަނޑައެޅުމުންވެސް، ސްކްރީން ބެލުމުގައި ހޭދަވާ ވަގުތު މެނޭޖްކުރަން އެހީތެރިވެދެއެވެ. މުޅި ދުވަހަށް ބަހާލައިގެން 'ނޯ ސްކްރީން' ގަޑިތައް ކަނޑައަޅާ ސްކްރީން ބޭނުން ކުރުމުގައި ހޭދަވާ ވަގުތުތައް ކުރުކޮށް ލެވިދާނެއެވެ. މިސާލަކަށް 25 މިނެޓް ސްކްރީން ބޭނުން ކޮށްގެން މަސައްކަތް ކުރުމަށްފަހު 5 މިނެޓަށް ސްކްރީންއާ ދުރަށް ޖެހިލާށެވެ. މިހެން ސްކްރީންއާ ދުރަށް ޖެހިލާ ވަގުތު ތަކުގައި ކުޑަކޮށް ހަށިގަނޑު ދަމާލާ، ހިނގާލާ ނުވަތަ އެކުވެރިއަކާ ވާހަކަ ދެއްކުން ފަދަ 'އޮފްލައިން' ހަރަކާތް ތަކުގައި ބައިވެރި ވެވިދާނެއެވެ.
ސްކްރީން ބެލުމުގައި ތިމާ ހޭދަކުރާ ހުރިހާ ވަގުތަކީ އެއްވަރަކަށް މިންކުރެވޭނެ ވަގުތުތަކެއް ނޫނެވެ. އެހެން ކަމުން ސްކްރީން ބޭނުން ކުރުމުގައި މަޢުނަވީ ކަންކަމަށް އިސްކަން ދިނުމަކީވެސް ސްކްރީން ޓައިމް މެނޭޖްކުރަން އެޅިދާނެ ފިޔަވަޅެކެވެ. ޝޯތައް ބެލުމާއި އިޖްތިމާޢީ މަންސަތަކުގައި ހޭދަކުރާ ވަގުތަކީ ތިމާއަށް އުފާވެރިކަން ގެނެސްދޭ ވަގުތު ތަކަކަށް ވެދާނެއެވެ. ނަމަވެސް، މި ވަގުތުތައް، އާ ހުނަރެއް ދަސްކުރުމާއި، ކިޔެވުމާއި، އުފެއްދުންތެރި މަސައްކަތެއްގައި ބައިވެރިވުން ފަދަ މަޢުނަވީ ކަންކަމަށް ސްކްރީން ޓައިމް ބޭނުން ކުރާ ވަގުތުތަކާ ބެލެންސް ކޮށްލާށެވެ. އަދި އުނގެނުމުގެ ތެރެއިން ވިޔަސް، އުފާ ހޯދުމުގެ ގޮތުން ވިޔަސް މުހިންމު ގުޅުންތައް ދެމެހެއްޓުމުގެ ތެރެއިން ވިޔަސް ސްކްރީން ބެލުމުގައި ހޭދަކުރާ ވަގުތަކީ ތިމާގެ ދިރިއުޅުމަށް އަގު އިތުރުކުރާ (ވެލިޔު އެޑްކުރާ) ވަގުތު ތަކަކަށް ހެދުމަށް އިސްކަންދޭށެވެ.
ސްކްރީން ބެލުމުގައި ހޭދަކުރާ ވަގުތު ކޮންޓްރޯލް ކުރުމަށް ވިސްނުންތެރިކަމާއެކު ޓެކްނޮލޮޖީ ބޭނުން ކުރުމަކީވެސް މުހިއްމު ކަމެކެވެ. މިސާލަކަށް ތިމާ ޓެކްނޮލޮޖީ ބޭނުން ކުރަނީ ކީއްކުރަން ކަމާމެދު ވިސްނާލުން މުހިއްމެވެ. އެއީ ފޫހިވެގެން ކުރާ ކަމެއްތޯ، ނުވަތަ އެކަމުން ތިމާއަށް ފައިދާއެއް ލިބޭތީ ކުރާކަމެއްތޯ ތިމާގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލުން މުހިއްމެވެ. މިގޮތަށް ވިސްނުންތެރިކަމާއެކު ޓެކްނޮލޮޖީ ބޭނުން ކުރުމުން ވިސްނުމެއް ނެތި އިޖްތިމާޢީ މަންސަތަކުގައި 'ސްކްރޯލް' ކުރުމަށްވުރެ ފައިދާ ހުރިގޮތެއްގައި ޓެކްނޮލޮޖީ ބޭނުން ކުރުމަށް ހިތްވަރު ލިބެއެވެ.
ބައެއް މީހުން ސްކްރީން ބެލުމުގައި ހޭދަކުރާ ވަގުތު ކޮންޓްރޯލް ކުރުމަށް 'ޑިޖިޓަލް ޑީޓޮކްސް' އެއް ނަގައެވެ. މިއީ ޑިޖިޓަލް އާލާތްތަކާ ދިގު މުއްދަކަށް ދުރުވެލުމެވެ. މިގޮތުން ވަކި ގަޑި އިރަކަށް ނުވަތަ ވަކި ދުވަސްތަކެއްގައި (މިސާލަކަށް ހަފްތާ ބަންދުގައި) ޑިޖިޓަލް ޑީޓޮކްސްއެއް ނެގުމަކީ ޓެކްނޮލޮޖީއާ ތިމާއާ އޮންނަ ގުޅުން ފައްސި ކުރުވާ ޑިޖިޓަލް އާލާތް ތަކަށް ތިމާ ދެވި ހިފުން ކުޑަކުރުވާ ކަމެކެވެ. މި ގޮތުން ނަގާ ވަގުތު ކޮޅަކީ ތިމާ ރީޗާޖުވެލާ، ދިރިއުޅުމާމެދު ރިވެލިކޮށްލާ، 'އޮފްލައިން' ދުނިޔެއާއި ގުޅުން ބަދަހި ކުރަން ބޭނުންކުރާ ވަގުތު ކޮޅެއްކަމުގައި ހެދިދާނެއެވެ.
ޑިޖިޓަލް ދުނިޔެއަށް ތިމާ ދަމާ އެއް ބާރަކީ އެކިއެކި އެޕް ތަކުން ތިމާއަށް އަންނަ ނޮޓިފިކޭޝަން ތަކެވެ. މި ނޮޓިފިކޭޝަން ތަކުގެ ސަބަބުން އަޅުގަނޑުމެންގެ ސަމާލުކަން، ކުރަމުންދާ މަސައްކަތުން ދުރަށް ދަމައިގަނެ، ފޯކަސް ކުޑަކުރުވާ، ސްޓްރެސް އިތުރު ކުރުވައެވެ. މަސައްކަތު ގަޑި ތަކުގައި ނުވަތަ އާއިލީ ވަގުތު ތަކުގައި ކޮންމެހެން ބޭނުން ނުވާ ނޮޓިފިކޭޝަންތައް ނިއްވާލުން ނުވަތަ “ޑޫ ނޮޓް ޑިސްޓަރބް” މޯޑް ސެޓް ކުރުމުންވެސް ތިމާ ސްކްރީން ބަލަން ހޭދަކުރާ ވަގުތު މަދުވެއެވެ. އަދި ޑިޖިޓަލް އާލާތްތައް ބޭނުންކުރާ ވަގުތުގެ ކޮންޓްރޯލް ތިމާއަށް ލިބެއެވެ.
ގިނަފަހަރަށް ސްކްރީނަށް ދެވި ހިފަނީ ފޫހި ފިލުވުމުގެ ގޮތުން ސްކްރީން ބޭނުންކުރާ ވަގުތު އިތުރު ވާތީއެވެ. މިކަން ކޮންޓްރޯލް ކުރުމަށް ސްކްރީން ބޭނުން ނުވާ "އޮފްލައިން" ހަރަކާތްތަކުގައި ތިމާއާއި އާއިލާ މަޝްއޫލުވުމަށް ހިތްވަރު ދެވިދާނެއެވެ. ފޮތް ކިޔުމާއި، ކަސްރަތު ކުރުމާއި، ކެއްކުމާއި، ސްކްރީން ނުހިމެނޭ ހަރަކާތްތަކުގައި ހުސްވަގުތު ހޭދަކުރުމަކީ އުފެއްދުންތެރި ގޮތެއްގައި ނުވަތަ މުނިފޫހިފިލުވުމުގެ ގޮތުން ސްކްރީން ވަގުތު ކުޑަކުރުމަށް ކުރެވިދާނެ ވަރަށް ރަނގަޅު ކަންތައް ތަކެކެވެ.
ސްކްރީން ބެލުމުގައި ގިނަ ވަގުތު ހޭދަކުރުމުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ބޮޑަށް ކުރަނީ ކުޑަކުދިންނާއި ފުރާވަރު އުމުރުފުރާގެ ކުދިންނަށްކަން ދިރާސާ ތަކުން ދައްކައެވެ. އެގޮތުން ސްކްރީން ގިނައިން ބޭނުން ކުރުމުން އެކުދިންގެ އިޖުތިމާޢީ ހުނަރުތަކާއި ނިދުމާއި ސަމާލުކަންދެވޭ ވަގުތަށް އަސަރު ކުރުމުގެ އިތުރުން ނަފްސާނީ ސިއްޙަތުގެ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ އިތުރުވެއެވެ.
ދެން އަޅުގަނޑު މި ބަލާލަނީ ކުޑަކުދިންނާއި ފުރާވަރު އުމުރުފުރާގެ ކުދިން ސްކްރީން ބޭނުން ކުރުން ކޮންޓްރޯލް ކުރުމަށް ބަލެނިވެރިންނަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.
ކުޑަކުދިންނާއި ފުރާވަރު އުމުރުފުރާގެ ކުދިން ސްކްރީން ބޭނުން ކުރަން އުމުރާ ގުޅޭ ލިމިޓް ތަކެއް ކަނޑައެޅިދާނެއެވެ. އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސް އިން ލަފާދެނީ 2 އަހަރާއި 5 އަހަރާއި ދެމެދު ކުދިންނަށް ދުވާލަކު އެއް ގަޑިއިރަށްވުރެ ގިނައިރު ސްކްރީން ނުދެއްކުމަށާއި ބޮޑެތި ކުދިންނަށް ސްކްރީން ބެލުމުގައި ހޭދަ ކުރާ ވަގުތުގެ ސަބަބުން އެކުދިންގެ ނިދުމަށާއި ޖިސްމާނީ ހަރަކާތްތެރިކަމަށާއި އެހެނިހެން ހެދި ބޮޑުވުމަށް ބޭނުންވާ ކަންކަމަށް އަސަރު ނުކުރާނެ ފަދަގޮތަކަށް ކަންކަން ރޭވުމަށެވެ.
ކުޑަ ކުދިން ގިނަ ފަހަރަށް މައިންބަފައިންގެ ސުލޫކު ނަކަލު ކުރެއެވެ. ޒިންމާދާރު ގޮތެއްގައި ސްކްރީން ބޭނުން ކުރާނެ ގޮތް ޢަމަލުން ދައްކައިދީގެން ބެލެނިވެރިންނަށް ދަރިންގެ ސިއްހަތަށް ފައިދާ ހުރި ގޮތެއްގައި ޑިޖިޓަލް އާދަތައް ގެންގުޅުމަށް ހިތްވަރު ދެވިދާނެއެވެ. އަދި ސްކްރީނާއި ނުލައި ކުރެވިދާނެ ހަރަކާތްތައް ރާވައި ދަރިން އެ ހަރަކާތްތަކުގައި ބައިވެރިވެރި ކުރުވައިގެން ސްކްރީން ބެލުމުގައި އެކުދިން ހޭދަކުރާ ވަގުތު މަދު ކުރެވިދާނެއެވެ. މިގޮތުން ގެއިން ބޭރުގައި ކުޅޭ ކުޅިވަރުތަކާއި ފޮތް ކިޔުމާއި އާއިލާއާއި ރައްޓެހިންނާއެކު ގިނަ ވަގުތު ހޭދަކުރުން ފަދަ ކަންކަން ރޭވިދާނެއެވެ.
ދަރިފުޅު އޮންލައިން ކޮށް ބައިވެރި ވަނީ ކޮންކަހަލަ ހަރަކާތް ތަކެއްގައި ކަން ބެލެނިވެރިންނަށް އެނގުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބެލެނިވެރިންނަށް ދަރިފުޅުގެ ޑިޖިޓަލް ދުނިޔޭގައި ބައިވެރިވެވިދާނެއެވެ. އެ ކުދިން ބޭނުންކުރާ އެޕްތަކާއި ކުޅޭ ގޭމްތަކާއި ވަންނަ ވެބްސައިޓް ތަކަކީ އުމުރާ ގުޅޭ އަދި ރައްކާތެރި ވެބްސައިޓް ތަކެއްކަން ބެލެނިވެރިން ކަށަވަރު ކުރަންވާނެއެވެ. އަދި ބެލެނިވެރިންނަށް ތައްޔާރު ކޮށްފައިވާ ކޮންޓްރޯލް އާލާތްތައް ބޭނުން ކޮށްގެން އެކުދިން ސްކްރީން ބޭނުންކުރާ ގޮތް މޮނިޓަރކޮށް ސްކްރީން ބޭނުން ކުރާ ވަގުތު ކުޑަކުރެވިދާނެއެވެ.
ޓެކްނޮލޮޖީ މިވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެފައެވެ. ނަމަވެސް ސްކްރީންއަށް ބަލާ ވަގުތާއި 'އޮފްލައިން' ގައި އަޅުގަނޑުމެން ހޭދަކުރާ ވަގުތުގައި ބެލެންސެއް ގެންގުޅުމަކީ ޑިޖިޓަލް ދުޅަހެޔޮކަމުގެ ތަޅުދަނޑިއެވެ. އަޅުގަނޑުމެން ސްކްރީން ބަލަން ހޭދަކުރާ ވަގުތު ވިސްނުންތެރިކަމާއެކު ބޭނުންކޮށް އެކަމަށް ވަކި މިންގަނޑުތަކެއް ކަނޑައަޅައި، 'އޮފްލައިން' ހަރަކާތްތައް އަޅުގަނޑުމެންގެ ދުވަހީ ތާވަލުގައި ހިމަނައިގެން، އަޅުގަނޑުމެންނަކީ ޓެކްނޮލޮޖީގެ އަޅުންނަށް ވުމުގެ ބަދަލުގައި ޓެކްނޮލޮޖީއަކީ އަޅުގަނޑުމެން ބޭނުންވާ ޚިދުމަތް ތަކަށް ބޭނުން ކުރާ އެއްޗަކަށް ހެދިދާނެއެވެ.
ޑިޖިޓަލް ދުޅަހެޔޮކަމަކީ ޓެކްނޮލޮޖީ ބޭނުންކުރުން ހަނިކުރުމެއް ނޫނެވެ. އެއީ ޓެކްނޮލޮޖީއާއެކު ބެލެންސްޑް އަދި ދުޅަހެޔޮ ގުޅުމެއް ޤާއިމު ކުރުމެވެ. ވިސްނުންތެރިކަމާއެކު ސްކްރީން ބޭނުންކުރާ ވަގުތު މެނޭޖް ކުރުމުން ޑިޖިޓަލް ދުނިޔޭގެ ފައިދާތައް ލިބިގެންދާއިރު، އަޅުގަނޑުމެންގެ ނަފްސާނީ، ޖިސްމާނީ އަދި ޖަޒްބާތީ ސިއްޙަތު ރައްކާތެރި ކޮށްދެއެވެ.