އަނިޔާވެރިކަން ނިމުމަކަށް ގެންނަވައި ހުދުމުޚުތާރުކަން އިސްނުކުރައްވައި ވެރިކަން ކުރެވޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމަށް ޕީއެންސީން ބުނެފިއެވެ.
މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިޔާސީ ލީޑަރުން ހައްޔަރު ކުރުމަށް މީގެކުރިން ދައުލަތުގެ މުއައްސަސާ ތަކަށާއި ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޯޒު ފޯރުވަމުން ދިޔަ ނަމަވެސް ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގެން އެކަންކަމަށް ނިމުމެއް ގެނެސްފައި ކަމަށެވެ.
ރައީސް ވަނީ ސިޔާސީ ވާދަވެރިންގެ އަނބުރަށް އަރައިގަނެ ،ރުޅިވެރިކަމާއި ނަފުރަތުގެ ހުޅު ރޯކުރުންވެސް ނިމުމަކަށް ގެނެސްފައި ކަމަށް ޕީއެންސީން ބުންޏެވެ.
"ދައުލަތުގެ މުއައްސަސާތައް ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން ސިޔާސީ ވާދަވެރިން ކަސްތަޅު އަޅުވައި ގައިދު ކުރުމުގެ ސަގާފަތް އެ މަނިކުފާނުގެ ވެރިކަމުގައި ނިމުމަކަށް ގެންނަވައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާއެކު ވާދަކުރުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީ ތަކަށާއި ލީޑަރުންނަށް ފަހިކޮށް ދެއްވިއެވެ. އަނިޔާވެރިކަމާއި ހުދުމުޚުތާރުކަން އިސްނުކުރައްވައި ވާދަވެރި މާހައުލެއް ދަމަހައްޓަވަމުން ހަމަޖެހުމާއި ސުލްހަވެރިކަމާއެކު ވެރިކަން ކުރެއްވޭނެކަން އެމަނިކުފާނު ގެންދަވަނީ ކޮންމެ ދުވަހަކުމެ ސާބިތުކޮށް ދެއްވަމުންނެވެ" ޕީއެންސީން ބުންޏެވެ.
ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ ސިޔާސީ ބަދަލު ހިފުމަށް ރައީސް ވަނީ ނިމުމެއް ގެނެސްފައި ކަމަށެވެ. ސިޔާސީ ކަންކަން ނިންމުމުގެ މަސައްކަތް ރައީސް ކުރިއަށްގެންދަވަނީ ރީތި ނަމޫނާ ދައްކައިގެން ކަމަށް ޕީއެންސީން ބުންޏެވެ.