ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އެހީވާން މިތިބީ ތައްޔާރަށް: އިންޑިޔާ

ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އެހީވާން މިތިބީ ތައްޔާރަށް: އިންޑިޔާ

ރާއްޖެއަށް މިހާރު ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ބޭނުންވާ އެހީ ފޯރުކޮށްދޭން އިންޑިޔާ ތައްޔާރު ކަމަށް އެ ގައުމުގެ އޮފިޝަލެއް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ނަގައިފައިވާ 250 މިލިއަން ޑޮލަރުގެ ސްކޫކް ބޮންޑަކަށް މިއަންނަ އަހަރުގެ އެޕްރީލް މަހު ފައިސާ ދައްކަން ޖެހެއެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ނުވުމުންނާއި ބޭރު ފައިސާ ނެތުމުގެ ސަބަބުން އެ ސުކޫކަށް ފައިސާ ނުދެއްކި ޑީފޯލްޓް ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ "އިކޮނޮމިކް ޓައިމްސް" އަށް އެ ގައުމުގެ އޮފިޝަލަކު ދިން އިންޓަވިއެއްގައި ވިދާޅުވީ ސްކޫކަށް ދައްކަން ޖެހޭ ފައިސާ އިންޑިޔާއިން ހަމަޖެހެން ހުންނާނެ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ސަރަހައްދީ ގައުމުތަކަށް ހުޅުވާލާފައިވާ ރިޒާވް ބޭންކް އޮފް އިންޑިޔާގެ ކަރަންސީ ސްވޮޕް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް މިހާރުވެސް 400 މިލިއަން ޑޮލަރު ނެގޭނެ ކަމަށެވެ.

އަދި 2019 ވަނަ އަހަރު ހަދާފައިވާ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް 800 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ލޯނުވެސް ނެގޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އިންޑިޔާގެ އެހީއަށް، ދިވެހި ސަރުކާރުން ރަސްމީކޮށް އެދުނު ކަމެއް އަދި އެނގިފައިނުވެއެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް "އިކޮނޮމިކް ޓައިމްސް" އިން ވަނީ ރިޕޯޓް ކޮށްފައެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާއިރު، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ1އިން ސީއޭއޭ 2 އަށް ދަށް ކޮށްފައެވެ. އަދި މިދިޔަ މަހު ފިޗްއިންވެސް ވަނީ ރާއްޖޭގެ ރޭޓިން ސީސީސީ ޕްލަސްއިން ސީސީއަށް ދަށްކޮށްފައެވެ. އެ ބަދަލު ގެނައީ ކުރިއަށް އޮތް ދެ އަހަރު ދައްކަންޖެހޭ ދަރަނި އިތުރު ވުމުންނެވެ. އެގޮތުން އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ހިމެނޭކަން މޫޑީސްއިން ފާހަގަ ކޮށްފައިވެއެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން، ރާއްޖޭއިން ވިއްކާފައިވާ ސުކޫކެއް ޑިފޯލްޓްވުމުގެ ފުރުސަތު އޮތްކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިމަހުގެ ކުރީކޮޅު ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު ވަނީ އިންވެސްޓަރުންގެ އެކަންބޮޑުވުން ތަކަށް ހައްލު ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *