އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބް ޗެލްސީގެ ވެރިންގެ މެދުގައި ބޮޑު އަރާރުމެއް އުފެދި އެއްބަޔަކު އަނެއްބައެއްގެ ހިއްސާ ގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީޑިޔާ ރިޕޯޓު ތަކުން ހާމަވެއްޖެ އެވެ.
ޗެލްސީގެ ޗެއާމަން ޓޮޑް ބޮއެލީ ވަގުތީ ސްޕޯޓިން ޑިރެކްޓަރު ކަމުގެ މަގާމުން ދުރުވުމާއެކު، އަނެއް ހިއްސާދާރު ކްލިއަލޭކުގެ ބައިވެރިވެރިޔާ ބެޣްދާދް އެގްބާލީ ވަނީ ކުލަބުގެ ގިނަ ކަންކަމުގެ ކޮންޓްރޯލް ނަގާފައެވެ. މިހާރު ދެފަރާތުންވެސް މަސައްކަތް ކުރަމުން ދަނީ އަނެއްފަރާތުގެ ހިއްސާ ގަތުމަށް ކަމަށް ވެއެވެ.
2022 ވަނަ އަހަރު ރަޝިޔާގެ މުއްސަނދި ވިޔަފާރިވެރިޔާ ރޯމަން އަބްރަމޮވިޗްގެ އަތުން 2.5 ބިލިއަން ޕައުންޑަށް ޗެލްސީ ގަތް ފަރާތް ތަކުގެ މެދުގައި މިހާރު ވަނީ ބޮޑު ހަމަނުޖެހުމެއް އުފެދިފައެވެ.
ޗެލްސީގެ 61.5 އިންސައްތަ ހިއްސާ ކްލިއަލޭކް ކޮންޓްރޯލް ކުރާއިރު، ބޮއެލީ ކޮންޓްރޯލް ކުރަނީ 38.5 އިންސައްތަ ހިއްސާއެވެ.
ބޮއެލީ މަސައްކަތް ކުރަނީ ކްލިއަލޭކްގެ ހިއްސާ ގަނެ ޗެލްސީ އަމިއްލަ ކުލަބަކަށް ހެދުމަށެވެ. ނަމަވެސް ކްލިއަލޭކު މިކަމާ ދެކޮޅު ހަދައި، ބޮއެލީގެ ހިއްސާ ގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވެއެވެ.
ބޮއެލީ އާއި ކްލިއަލޭކްގެ ބާރުގެ ދަށުން ޗެލްސީގެ ކަންކަން އެދެވޭ ގޮތެއްގައި ކުރިއަށް ނުދާކަމަށް ބުނެ ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުން ތަކެއްވެސް އަމާޒުވެފައިވެއެވެ.
މި ސީޒަނަށް އެކަނިވެސް 200 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުކޮށް 12 އާ ކުޅުންތެރިން ގެނެސް ޗެލްސީގެ މިހާރުގެ ސީނިއާރ ސްކޮޑުގައި 42 ކުޅުންތެރިން އެބަތިއްބެވެ.