ސްޓާލިން، ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީ ދޫކޮށް އާސެނަލްއަށް ބަދަލުވެއްޖެ

ސްޓާލިން، ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީ ދޫކޮށް އާސެނަލްއަށް ބަދަލުވެއްޖެ

ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ ރަހީމް ސްޓާލިން ލޯނު އެއްބަސްވުމެއްގެ ދަށުން އާސެނަލްއަށް ބަދަލު ވެއްޖެއެވެ.

ޓްރާންސްފާ މާކެޓްގެ އެންމެ ފަހު ވަގުތު އާސެނަލް އިން ލޯނު އެއްބަސްވުމެއްގެ ދަށުން ސްޓާލިން ހޯދާފައިވާއިރު، އޭނާ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އާސެނަލް އަދި ޗެލްސީ އިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި ސްޓާލިން އާސެނަލްއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ސޮއި ކޮށްފައިވަނީ މި ސީޒަން ނިމެންދެންނެވެ.

2022 ވަނަ އަހަރު މެންޗެސްޓަރ ސިޓީ ދޫކޮށް ޗެލްސީ އާއި ގުޅުނު ސްޓާލިންއަށް މި ސީޒަންގައި އަދި ޗެލްސީއިން ލީގުގައި ކުޅުނު އެއްވެސް މެޗަކުން ވަނީ ފުރުސަތު ނުލިބިފައެވެ. ޗެލްސީގެ ކޯޗު ކަމާއި އަލަށް ހަވާލުވި އެންޒޯ މަރެސްކާގެ ސްކޮޑުން ސްޓާލިންއަށް ފުރުސަތު ލިބިފައި ނުވާއިރު، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ މީގެކުރިންވެސް ސްޓާލިން ބޭނުންވާކަން ވަނީ ފާހަގަ ކޮށްފައެވެ.

މެންޗެސްޓަރ ސީޓީއިން ޗެލްސީއަށް 50 މިލިއަން ޕައުންޑުގެ ފީއަކަށް ބަދަލުވި ސްޓާލިން ޗެލްސީ އަށް 81 މެޗު ވަނީ ކުޅެދީފައެވެ. ސްޓާލިންގެ ސީނިއާރ ކެރިއަރު ލިވަޕޫލުން ފަށާފައިވާއިރު، ލިވަޕޫލުގައި ކުޅުނުއިރު ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެފަހަރު މަތިން ވަނީ ހޯދާފައެވެ. ސްޓާލިންގެ ކެރިއަރުގެ ބޮޑުބައި މެންޗެސްޓަރ ސިޓީގައި ހޭދަކޮށްފައި ވާއިރު، މެންޗެސްޓަރ ސިޓީއާއެކު 10 ޓްރޮފީއެއް ސްޓާލިން ވަނީ ހޯދާފައެވެ. މީގެތެރޭގައި ހަތަރު ޕްރިމިއާ ލީގު ޓްރޮފީވެސް ހިމެނެއެވެ.

ސްޓާލިން ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް 82 މެޗު ކުޅެދީފައެވެ. އެހެން ނަމަވެސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ސްޓާލިން އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *