ރޭ އޮތް ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ

މަޖީދިއްޔާއަށް އިތުރު 40 ކްލާސް ރޫމް އިތުރުކޮށް، ސްމާޓް ކްލާސްތައް ގާއިމް ކޮށްދޭނަން: ރައީސް

މަޖީދިއްޔާއަށް އިތުރު 40 ކްލާސް ރޫމް އިތުރުކޮށް، ސްމާޓް ކްލާސްތައް ގާއިމް ކޮށްދޭނަން: ރައީސް

މިއަންނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސްކޫލް މަޝްރޫޢު ތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ އިތުރު 40 ކްލާސް ރޫމްގެ އިމާރާތެއް ކުރިން ދަރުމަވަންތަ ސްކޫލް ހުރި ތަނުގައި އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެތެރެއިން ބައެއް ކްލާސްތައް ވާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރާ ސްމާޓް ކުލާސްތަކުގެ ގޮތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އޮތް މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފުތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖީދިއްޔާ ސްކޫލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރުންގެ ފަޚުރެއް ކަމުގައިވާ ދާރުލް އުލޫމާ ކުރިބޯށި އިމާރާތް ނޭޝަނަލް އެޑިޔުކޭޝަން މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްވެސް ނިންމާފައިވާ ކަމުގައެވެ. އަދި އެކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލު ތަކަށް ރާއްޖޭގޭ ތާރީޚީ ތަޢުލީމީ ހަޔާތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ހަޔާތުގައި ކުރާ ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާ ހަމައަށް ދިއުމަށް ހިންމަތާއެކު ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރެއްވުމަށް ބާރުއަޅުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ الله ސުބްޙާނަހޫވަތަޢާލާ އަންގަވާފައިވާ ގޮތަށް އެމީހަކަށް ކުޅަދާނަ ވެގެންވާ މިންވަރަކުން ހިއްމަތާއެކު މަސައްކަތްކޮށް ކާމިޔާބީ ދެއްވުން އެދި ވަކީލު  ކުރުމަށްވެސް ބާރުއަޅުއްވާފައެވެ.

އަދި ދިރިއުޅުމުގައި ކުރުމަށް ކަނޑައަޅާ ކަންކަމުގައި ފަހަތަށް ނުޖެހި ކުރިމަތިވާ ދަތި އުނދަގޫ ހާލަތް ތަކަށްވެސް ކުރިމަތިލައިގެން ކާމިޔާބީ ހާސިލު ކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ރައީސް ވަނީ ތަޢުލީމީ ހަޔާތުގެ މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ތަޢުލީމީ ދުވަސްވަރުގެ ހަޤީޤީ ބޭނުމަކީ ޤައުމަށް ޚިދުމަތް ތަކެއް ކުރުމަށާއި އަމިއްލަ ހަޔާތް ބިނާކުރުމާއި މުޖުތަމަޢަށް ފައިދާ ހުރި ކަންތައްތަކެއް ކޮށްދިނުމަށްޓަކައި ތަޢުލީމު ހާސިލްކޮށް ތަމްރީނުވެގެން ނުކުތުން ކަމުގައެވެ. އަދި އެމަނިކުފާނު ވިދާޅުވީ ކިޔެވުމުގެ އަދި ކިޔަވައިދިނުމުގެ ބޭނުމަކީ ތިމާގެ ފަރާތުން ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި ފިކުރުކޮށް އެކަމެއް ކޮށްދިނުމަށް ތައްޔާރުވުން ކަމުގައެވެ.

މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް ހޯލުގައި ކުރިއަށްދާ ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ.

މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ތައުލީމީ ބިނާއެވެ. މަޖީދީ "ސައްތަވީ ބިނާ" ރަމްޒު ކޮށްދެނީ މަޖީދިއްޔާ ސްކޫލްގެ ޢިލްމީ ހިޔާވައްސެވެ. މި ސައްތަވީ ބިނާ އުފަން ކުރުމުގެ އެންމެހާ މަސައްކަތެއް ކުރި ބަޔަކީ މަޖީދިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރުންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *