ސަރުކާރުގެ ފޮރިން ރިޒާވް އިތުރުކުރުމުގެ މަގުސަދުގައި ބައެއް ގާނޫނުތައް އިސްލާހުކޮށް، ބައެއް ޓެކްސްތައް ޑޮލަރުން ދައްކަން ޖެހޭ ގޮތް ހަދަން ކެބިނެޓުން ނިންމައިފައިވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ކެބިނެޓުން އެގޮތަށް ނިންމާފައިވަނީ ބޭންކު އޮފް މޯލްޑިވްސްގެ ރުފިޔާ އެކައުންޓުތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތް މިއަދު ހެދުމާ ގުޅިގެންނެވެ. ނަމަވެސް ބީއެމްއެލުން މިހާރު ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
ކެބިނެޓް ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ ބޭރު ފައިސާއިން ނުވަތަ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ކޯޕަރޭޓް އިންކަމް ޓެކްސް އާއި، އިމްޕޯޓު ޓެކްސް ޑޮލަރުން ދައްކާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނާނެ ކަމަށެވެ. އޭގެ އިތުރުން ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަން ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރާނެ ކަމަށެވެ.
"ކެބިނެޓުން އަޅުގަނޑުމެންނަށް މިއަދު ނިންމުނީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ފައިސާ ދައްކާއިރުގައި މިހާރު ބައެއް ހާލަތްތަކުގައި ރުފިޔާއިން އެބަ ފައިސާ ދައްކާ. މިސާލަކަށް ކޯޕަރޭޓް އިންކަމް ޓެކްސް އެ ކުންފުނިތަކުން މީރާއަށް ދައްކަނީ ދިވެހި ރުފިޔާއިން. އެހެން ނަމަވެސް ސަރުކާރުން ގާނޫނަށް އަދި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން އަޅުގަނޑުމެން މިކަން ބަދަލުކުރާނަން،" އުޝާމް ވިދާޅުވި އެވެ.
"އެއީ ޑޮލަރުން އިންކަމް ލިބޭ ކުންފުނިތަކުން ރާއްޖެއަށް، މީރާއަށް، ދައުލަތަށް ދައްކަންޖެހޭ ފައިސާ އޭގެ ފަހުން ދައްކަން ޖެހޭނީ ޑޮލަރުން ކަމަށް އަޅުގަނޑުމެން ކަނޑައަޅާނަން،،،"
އުޝާމް ވިދާޅުވީ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން މުސާރަ ދޭ ކަމަށްވާނަމަ ޕެންޝަން ފައިސާ ވެސް ދައްކަން ޖެހޭނީ ޑޮލަރުން ކަމަށް ކަނޑައަޅަން ކެބިނެޓުން ނިންމައިފައިވާ ކަމަށެވެ.
"މިހެން މިހަދަން ޖެހޭ ސަބަބަކީ ވަރަށް ގިނަ ފަހަރަށް ލިބޭ ޝަކުވާއެއް ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ރުފިޔާއިން ދެއްކުމަށް ޓަކައި ބްލެކް މާކެޓުގައި މާރުކުރާ ވާހަކައަކީ. އެހެންވީމަ މިކަމަށް ނިމުމެއް ގެނައުމަށްޓަކައި ކެބިނެޓުން މިއަދު ވަނީ މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ޓަކައި މި ތިން ކަންތައް ނިންމާފައި،" އުޝާމް ވިދާޅުވިއެވެ.
ކެބިނެޓުގެ އެ ނިންމުންތަކާ ގުޅިގެން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ހުށަހަޅާނެ ކަމަށާއި، ގަވައިދަށް ގެންނަން ޖެހޭ އިސްލާހުތައް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތަންފީޒު ކުރާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.