ބީއެމްއެލްއިން ޑޮލަރު ލިމިޓް ކުރަން ނިންމީ ރައީސްގެ ނިންމެވުމާއި ޚިލާފަށް: ސަރުކާރު

ބީއެމްއެލްއިން ޑޮލަރު ލިމިޓް ކުރަން ނިންމީ ރައީސްގެ ނިންމެވުމާއި ޚިލާފަށް: ސަރުކާރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލްއިން މިއަދު ގެނައި ބަދަލަކީ ގެނައީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސީދާ އަންގަވާފައި އޮތް ގޮތާ ހިލާފަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އިން މިއަދު ވަނީ އެ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ، ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ހަދައިފައެވެ. އަދި އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ، ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ވެސް ކަނޑައަޅައިފައެވެ.

މީގެއިތުރުން ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށް ކޮށްފައެވެ. ނަމަވެސް ބީއެމްއެލުން މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ އެ ނިންމުންތައް މުރާޖާ ކުރުމަށްފަހު، މިއަދު ގެނައި ބަދަލުތައް އުވާލައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު ޖަވާބު ދެއްވަމުން ދަނިކޮށް މިނިސްޓަރު ސައީދުގެ ފޯނަށް ލިބިވަޑައިގެންނެވި މެސެޖަކަށްފަހު މައިކު ކައިރިއަށް ވަޑައިގެން ސައީދު ވިދާޅުވީ ބީއެމްއެލްއިން މިއަދު އަމަލު ކުރި ގޮތަށް އަމަލު ނުކުރަން ރައީސް އެންގެވި ވާހަކަ ދަންނަވަން ކުރިން "ހަނދާން ނެތުނީ" ކަމަށެވެ.

"ބީއެމްއެލްއިން މިއަދު އަމަލު އެ ކުރީ ސީދާ ރައީސް އެކަން އެގޮތަށް ނުކުރަން އަންގާފައި އޮއްވައި،" ސައީދު ވިދާޅުވި އެވެ،

ރައީސް އެގޮތަށް އެންގީ ކިޔަވާ ކުދިންނާޢި އިމްޕޯޓު ވިޔަފާރި ކުރާ އެތައް ބައެއްގެ ހައްގުގައި ކަމަށް ސައީދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު، މޫސާ ޒަމީރު ވިދާޅުވީ ބީއެމްއެލުން ޑޮލަރުގެ މުއާމަލާތްތައް ލިމިޓު ކުރަން ނިންމުމުގެ ކުރިން ސަރުކާރާ އެކު މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ބީއެމްއެލްގެ މިއަދުގެ ނިންމުމަކީ ސަރުކާރުގެ ލަފަޔާ ހިލާފަށް އެ ބޭންކުން ނިންމި ނިންމުމެއް ކަމަށެވެ.

"ކުރީގައި ވެސް ވާހަކަ ދެކެވިފައި އޮތީ ތިޔަ ވިދާޅުވާހެން އިނގޭތޯ، އެކަމަކު ބޭންކުން އޭރުގައި މަޝްވަރާ ކުރެވުނު ގޮތަކަށް ނޫން ނޫނިއްޔާ އަޅުގަނޑުމެން ލަފާ އެރުވި ގޮތަކަށް ނޫން ބޭންކުން އެކަން ކުރައްވާފައި އެއޮތީ،" ޒަމީރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް ނައިބު، އަހުމަދު އުޝާމް ވިދާޅުވީ ބީއެމްއެލްއިން މިއަދުގެ ނިންމުން ނިންމުމުގެ ކުރިން ސަރުކާރުގެ އިކޮނޮމިކް ކައުންސިލާ ވެސް ބައްދަލު ކުރި ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ވެސް މިއަދު ބީއެމްއެލުން ނިންމި ގޮތަށް ނިންމަން ލަފަޔެއް ނުދޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *