އޭސީސީގެ އޮފިސަރަކަށް ފިޔަވަޅު އެޅީ ގޯސްކޮށް ކަމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކޮށްފި

އޭސީސީގެ އޮފިސަރަކަށް ފިޔަވަޅު އެޅީ ގޯސްކޮށް ކަމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކޮށްފި

އެންޓ-ިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެސިސްޓަންޓް އިންވެސްޓިގޭޝަން އޮފިސަރަކަށް، އެކޮމިޝަނުން ފިޔަވަޅު އެޅީ ގޯސްކޮށް ކަމަށް ނިންމައި އެއަށް ބަދަލު ގެންނަން ވަޒީފާ އާބެހޭ ޓްރައިބިއުން އޭސީސީއަށް އަންގަން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ 9 މެއި 2020 ގައި ފޭސްބުލް ޕޭޖެއްގައި، އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ވިޔަފާރީގެ ގުޅުން ދައްކުވައިދޭ ޗާޓެއް ހިމަނާފައިވާ މައްސަލައަކާއި ގުޅިގެން، އެ ޗާޓަކީ އެ މުވައްޒަފު ތައްޔާރު ކުރަމުން ދިޔަ ޗާޓެއްކަމަށް ކުރި ތުހުމަތުތަކާ ގުޅޭ މައްސަލަ އެކެވެ.

އެ ތުހުމަތުތަކާއި ގުޅިގެން އެ މުވައްޒަފާ ގުޅޭގޮތުން ޑިސިޕްލިނަރީ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އެކުލަވާލި ރިޕޯޓަށް ރިއާޔަތްކޮށް، އޭނާ ކޮށްފައިވާ އަމަލަކީ "އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިންޓެލިޖެންސް ޔުނިޓުގެ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުން" އާއި އެންޓި -ކޮރަޕްޝަން ކޮމިޝަންގެ ގަވާއިދާ ހިލާފަށް އަދި އެ ފަރާތުން އަމަލު ކުރަންޖެހޭ ބެސްޓް ޕްރެކްޓިސްއާވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 5 ޖުލައި 2020 އިން ފެށިގެން އޭނާގެ ވަޒީފާ އިންޓެލިޖެންސް ޔުނިޓްއިން އިންވެސްޓިގޭޝަން ޔުނިޓަށް ބަދަލުކޮށް، އިންޓެލިޖެންސް ޔުނިޓުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއ،ި އެ  ޔުނިޓުގެ ހެޑެއްގެ ހައިސިއްތުން އޭނާއަށް ދީފައިވާ އެކްސެސްތައް ކަނޑާލުމަށް ނިންމިއެވެ.

ނަމަވެސް އޭސީސީން ފިޔަވަޅުއެޅީ، ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ މުވައްޒަފުގެ ފަރާތުން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އޭނާ އެދިފައި ވަނީ، އޭސީސީން އެޅި ފިޔަވަޅު ތަކަކީ، ވަޒީފާއާބެހޭ ގާނޫނާއ،ި އެންޓި -ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ގަވާއިދާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމުގައި ކަނޑައެޅުމަށާއި، މި މައްސަލައިގައި އޭނާ އަމަލު ކޮށްފައި ވަނީ އޭސީސީގެ އިންޓެލް ޔުނިޓުން އަމަލު ކުރަންޖެހޭ އުސޫލުތަކާއި ހިލާފަށްކަމަށް ބުނެ ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެ މައްސަލަ ބެލުމަށްފަހު، 30 ޖޫން 2022 ގައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، އެ މުވައްޒަފާމެދު އޭސީސީން އަޅާފައިވާ ފިޔަވަޅަކީ އެކަށީގެންވާ ހަމައަކުން އަޅާފައިވާ ފިޔަވަޅެއް ނޫން ކަމަށެވެ. އަދި އެއީ ވަޒީފާއާބެހޭ ގާނޫނާއި އޭސީސީގެ ގަވާއިދާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ކަނޑައަޅައ،ި އޭނާ ކުރި އަމަލަކީ އޭސީސީގެ އިންޓެލިޖެންސް އޮފިސަރުން އަމަލު ކުރަންޖެހޭ އުސޫލުތަކާ ހިލާފް އަމަލެއް ކަމަށް ބުނެ އޭނާ އަދާކުރަމުން ދިޔަ ޔުނިޓް ބަދަލުކޮށް، އަޅާފައިވާ ފިޔަވަޅަކީ ބާތިލް ފިޔަވަޅެއް ކަމަށް ކަނޑައަޅާ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެއިތުރުން އެފިޔަވަޅާއި ގުޅޭ އެންމެހާ ލިޔުންތައް އެ މުވައްޒަފުގެ ޕާސަނަލް ރެކޯޑުން އުނި ކުރުމަށްފަހު، ތިން ދުވަހުގެ ތެރޭގައި އެކަން ޓްރައިބިއުނަލަށް އެންގުމަށްވެސް ޓްރައިބިއުނަލުން އޭސީސީއަށް އަމުރު ކުރިއެވެ.

ނަމަވެސް ޓްރައިބިއުނަލްގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އޭސީސީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.

އޭސީސީން ހައި ކޯޓުގައި އެދިފައި ވަނީ، ޓްރައިބިއުނަލުން އެ މައްސަލަ ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތީން ނޫން ކަމަށާއ،ި ކޮމިޝަނުން މުވައްޒަފަށް އަޅާފައިވާ ފިޔަވަޅަކީ ގާނޫނީ ހަމަ ތަކުގެ މަތީން އަޅާފައިވާ ފިޔަވަޅެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.

 

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ، އެ މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލު ގެނަންޖެހޭ ސަބަބެއް ނެތް ކަމަށް، މި މައްސަލަ ހައިކޯޓުގައި ބެއްލެވި ތިން ފަނޑީޔާރުންގެ އިއްތިފާގުން ނިންމާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *