ކޭބަލް ގަތް ފިހާރައަކަށް ފެނަކައިން 5 މިލިޔަން ރުފިޔާ ދައްކަން ޖެހިއްޖެ

ކޭބަލް ގަތް ފިހާރައަކަށް ފެނަކައިން 5 މިލިޔަން ރުފިޔާ ދައްކަން ޖެހިއްޖެ

އަމިއްލަ ކުންފުންޏެއް ކަމަށްވާ، ކޭބަލް ޝޮޕް އަށް 5.3 މިލިޔަން ރުފިޔާ ދޭން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ކޭބަލް ޝޮޕު ން ފެނަކައަށް ސަޕްލައިކޮށްދިން މުދަލުގެ އަގު ހޯދުމަށް ފޮނުވާފައިވާ 93 އިން ވޮއިސްއަށް 24 އޮކްޓޫބަރު 2021 ގެ ނިޔަލަށް ލިބިފައިނުވާ 27.6 މިލިޔަން ރުފިޔާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް ބ. އޭދަފުށީ ހުދުވެލި މުހައްމަދު ޝާމިން (ކޭބަލް ޝޮޕް) ގެ ފަރާތުން މީގެކުރިން ފެނަކައިގެ މައްޗަށް ކުރި ދައުވާއަކާއި ގުޅިގެން އުފެދުނު މައްސަލައެވެ.

ފެނަކައިން 27.6 މިލިޔަން ރުފިޔާ ހޯދަން ކޭބަލް ޝޮޕްގެ ފަރާތުން މީގެކުރިން ޝާމިންގެ ފަރާތުން ހުށަހެޅި ދައުވާ ކުރިއަށް ދަނިކޮށް، ފައިސާ ދެއްކުމާއި ބެހޭގޮތުން 17 މާޗު 2022 ގައި ކޯޓުން ބޭރުން ދެފަރާތުން އެއްބަސްވުމެއްހަދައި، އެ އެެއްބަސްވުމުގެ ދަށުން ފައިސާ ދައްކަން ފެށިއެވެ. ނަމަވެސް ވަކި ހިސާބަކުން އެ އެއްބަސްވުމާއި އެއްގޮތަށް ފެނަކައިން ފައިސާ ދައްކަމުން ނުދާ ކަމަށްބުނެ، ކޭބަލް ޝޮޕްގެ ފަރާތުން 23 އޮކްޓޫބަރު 2022 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެ ދައުވާގައި ކޭބަލް ޝޮޕުން ބުނެފައި ވަނީ، އެއްބަސްވުމާއި އެއްގޮތަށް ފެނަކައިން ފައިސާ ދައްކަމުން ނުދާތީ އެ ފަރާތައް ދޭން އޮތް 27.6 މިލިޔަން ރުފިޔާގެ ތެރެއިން، 11.8 މިލިޔަން ރުފިޔާ ނުލިބި ވާކަމަށެވެ. އެހެންކަމުން އެ ފައިސާ އާއި، އެއްބަސްވުމާއި އެއްގޮއްތަށް ފައިސާ ނުދައްކައި ފެނަކައިން އެއްބަސްވުމާއި ޚިލާފު ވުމުގެ ސަބަބުން ކޭބަލް ޝޮޕަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެކޮށް އެއްފަހަރާ ހޯދުމަށްވެސް އެފަރާތުން ކޯޓުގައި އެދުނެވެ.

އެ މައްސަލަ ބެލުމަށްފަހު 9 ފެބްރުއަރީ 2023 ގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، ފެނަކައާ ދެކޮޅަށް ކޭބަލް ޝޮޕްގެ ފަރާތުން، ޝާމިން ހުށަހަޅާފައިވާ ދައުވާއާއި ގުޅިގެން ފެނަކައިން ކޭބަލް ޝޮޕަށް ދައްކަން ޖެހެނީ 9.6 މިލިޔަން ރުފިޔާ ކަމަށެވެ. އަދި ހުކުމް ކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށްވެސް ހުކުމް ކޮށްފައިވެއެވެ. އެ މައްސަލައަށް ފެނަކައިން ޖަވާބުދާރީ ވެފައިނުވާތީ، އެފަަހަރު ހުކުމް ކުރީ ފެނަކައިގެ ޣައިރު ހާޒިރުގައެވެ.

ނަމަވެސް ކޭބަލް ޝޮޕަށް 5.3 މިލިޔަން ރުފިޔާ ދޭން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު، ސިވިލް ކޯޓުން އަމުރު ކުރީ 9 ފެބްރުއަރީ 2023 ގައި ކުރި ހުކުމާއި އެއްގޮތަށް ފެނަކައިން ފައިސާ ދައްކަމުން ނުދާތީ، އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ޝާމިން ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.

އެއްފަހަރާ އެފައިސާ ދެއްކެން ނެތް ކަމަށާއި، މަހަކު 400،000 އަަށްވުރެން މަދުނުން އަދަދަދެއް ދައްކަން ޖެހޭގޮތަށް ހަމަޖައްސައިދިނުމަށް ފެނަކައިން ކޯޓުގައި އެދުނު ނަމަވެސް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު އަމުރު ކޮށްފައި ވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ކުރިން ޝާމިން (ކޭބަލް ޝޮޕް) އަށް ފައިސާ ދެއްކުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *