ފޮރިން އިންވެސްޓްމެންޓުގެ އާ ބިލު މަޖިލީހުން ފާސްކޮށްފި

ފޮރިން އިންވެސްޓްމެންޓުގެ އާ ބިލު މަޖިލީހުން ފާސްކޮށްފި

ފޮރިން އިންވެސްޓްމަންޓު އިތުރުކޮށް ރާއްޖޭގެ އިގުތިސާދު ތަރައްގީރުމަށް ހުށަހެޅި، ފޮރިން އިންވެސްޓްމެންޓާ ބެހޭ އާ ބިލު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މި ބިލްގެ މަގުސަދެއްކަމަށް ބުނެފައި ވަނީ، ރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ރާއްޖެއަށް ފޮރިން ކެޕިޓަލާއި، ޓެކްނޮލޮޖީ އާއި އިލްމާއި ހުނަރު ގެނައުމަށް ފަހި މާހައުލެއް އުފައްދައި ރާއްޖޭގެ އިގްތިސާދު ތަރައްގީކުރުމާބެހޭ ކަންކަމާއި އުސޫލުތައް ކަނޑައެޅުމާއި، ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިކަން އުފައްދައި ދެމެހެއްޓުމަށްޓަކައި ބައިނަލްއަގްވާމީ މައިދާނުގައި އިންވެސްޓްމަންޓް ޕްރޮމޯޓް ކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ ދާއިރާތަކައި އެ އާއިރާތަކުގައި އިންވެސްޓް ކުރެވޭނެ ޝަރުތުތައް ކަނޑައެޅުމާއި، އެ ފަރާތްތަކަށް ހުއްދަ ދިނުމުގެ އުސޫލުތަކާއި ޝަރުތުތައް ކަނޑައެޅުމާއި، ބޭރުގެ އިންވެސްޓަރުންގެ ޒިންމާއާއި އެ ފަރާތްތަކަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމުގެ ދާއިރާ ކަނޑައެޅުމާއި ގާނޫނާހިލާފްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި ރާއްޖެއިން ބައިވެރިވާ އިންވެސްޓްމެންޓާއި ވިޔަފާރިއާގުޅޭ ބައިނަލް އަގްވާމީ މުއާހަދާތަކުގެދަށުން އުފުލަންޖެހޭ އިލްތިޒާމުތަކަށް އަމަލުކުރެވޭނެ އުސޫލުތައް ކަނޑައެޅުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

މި ބިލުގައިވާގޮތުން ބޭރުގެ އިންވެސްޓްރުންގެ ޝައުގުވެރިކަން އުފައްދައި، ދެމެހެއްޓުމަށް އިންވެސްޓްމަންޓް ޕްރޮމޯޓުކުރުމުގެ އުސޫލެއް ކަނޑައަޅަންޖެހެއެވެ. އަދި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައަޅައި ހުއްދަ ދިނުމުގެ އުސޫލުތަކާއި ޝަރުތުތަކާއި ބޭރުގެ އިންވެސްޓަރުންނަށް ލިބޭނެ ހިމާޔަތާއި ރައްކާތެރިކަމާގުޅޭ އުސޫލުތައްވެސް ކަނޑައަޅަންޖެހޭނެކަމަށްވެސް ބިލުގައިވެއެވެ.

މި ބިލުގައި ވާގޮތުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން އުފައްދަން ޕްރޮމޯޓުކޮށް، ހަދަންޖެހޭ ގަވާއިދުތައް ހަދަންޖެހޭނީ އެއިރެއްގައި ސަރުކާރުން އެ މަސްއޫލިއްޔަތު ހަވާލުކުރާ ވުޒާރާއަކުންނެވެ.

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ވަޒީރު ކަނޑައަޅުއްވައި އިއުލާން ކުރަންޖެހޭނެ ކަމަށާއި، މި ދާއިރާތައް ކަނޑައެޅުއްވުމުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް މިންވަރާއި ސިނާއަތުގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި އެ ސިނާއަތެއްގައި ނުވަތަ ދާއިރާއެއްގައި ދިވެހި ވިޔަފާރިތައް ތަރައްގީވެފައިވާ މިންވަރަށާއި ދުރު ރާސްތާގައި އުފެއްދުންތެރިކަމަށް އެ ސިނާއަތަކުން ހިއްސާކުރާނެ މިންވަރަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖޭގައި އިވެސްޓްކުރެވޭނެ ދާއިރާތަކާއި ނުކުރެވޭނެ ދާއިރާތައް ކޮންމެ ތިން އަހަރަކުން އެއްފަހަރު މުރާޖައާކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައިވާގޮތުން ދިވެހި ކުންފުންޏެއްގެ ހިއްސާ ބޭރުގެ ފަރާތަކަށް ބަދަލުކުރާނަމަ އިންވެސްޓްކުރުމުގެ ހުއްދަ ހޯދަންޖެހޭނެއެވެ. މިގޮތަށް ހިއްސާ ބަދަލުކުރެވޭނީ ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ކުންފުނިތަކަށް އެކަންޏެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކާއި އޭގެ ފައިސާއަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބޭނެއެވެ. އަދި ރައުސްމާލާއި ފައިދާ އަނބުރާ އެ އިންވެސްޓަރެއްގެ ޤައުމަށް ގެންދިއުމުގެ ޙައްގު ލިބެއެވެ. ނަމަވެސް ސިޔާދަތީ ބާރު ދެމެހެއްޓުމަށާއި ދިފާޢީ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ތިމާވެށި ހިމާތާތްކުރުމަށާއި އިންސާނީ ޙައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ފޮރިން އިންވެސްޓްމަންޓަކަށް ނުވަތަ އެއާ ގުޅޭ ހައްގަކަށް ހަނިކަމެއް ގެނެވިދާނެކަމަށްވެސް ބުނެފައިވެއެވެ.

ބިލްގައިވާގޮތުން މި ގާނޫނާ ހިލާފުވާ ފަރާތްތައް އިންވެސްޓްމަންޓުގެ 30 އިންސައްތައަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ލައިސަންސް ހޯދުމަށް ސައްހަ ނޫން މައުލޫމާތު ހުށަހަޅައިފިނަމަ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 100،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މި ޤާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށުމާއެކު މިހާރު އަމަލުކުރަމުންދާ 45 އަހަރު ވެފައިވާ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު އުވުނީކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *