މަގާމުން ވަކިކުރުމުގެ މައްސަލައަށް ޖަވާބު ދާރީވާން ޕީޖީ ޝަމީމު ބުރާސްފަތި ދުވަހު ކޮމިޓީއަށް ހާޒިރު ކުރަނީ

މަގާމުން ވަކިކުރުމުގެ މައްސަލައަށް ޖަވާބު ދާރީވާން ޕީޖީ ޝަމީމު ބުރާސްފަތި ދުވަހު ކޮމިޓީއަށް ހާޒިރު ކުރަނީ

މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށް ތުހުމަތުކޮށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީ ވުމަށް އަންނަ ބުރާސްފަތި ދުވަހު ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވީ، ކޮމިޓީން ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވާން މަޖިލިސް ގަވާއިދުގައިވާގޮތުގެމަތިން ޝަމީމަށް ދީފައިވާ ނޯޓިސްގެ މުއްދަތު ބުދަދުވަހަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން ބުރާސް ދުވަހު ކޮމިޓީއަށް ޝަމީމް ހާޒިރުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝަމީމު މަގާމުން ވަކިކުރެއްވުމަށް ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ޝަމީމު މަގާމުން ވަކިކުރުމަށް މެންބަރު ޝާހިދު ފޮނުއްވި ސީޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން ޕީޖީއަކީ ވަކި ފަރާތަކަށް ނުޖެހި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާ އެކު، ހާމަކަމާއި ހަމަހަމަކަމާ އެކު މަސައްކަތް ކުރައްވަންޖެހޭ ބޭފުޅެއް ކަމުގައިވީ ނަމަވެސް އެގޮތާ ހިލާފަށް ޕީޖީ ކަމުގައި ހުންނަވައިގެން ޝަމީމު އަމަލުކުރައްވާފައިވާ ކަމަށެވެ.

އެ ސިޓީގައި، މެންބަރު ޝާހިދު ވަނީ، ޕީޖީކަމުގެ މަގާމު ބޭނުންކޮށްގެން، ޝަމީމް ކުރައްވާފައިވާ ބައެއް ކަންކަންވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރޭޕުކުރި ކަމަށް ތުހުމަތުވާ އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލުކުރެއްވި ކަމަށް ޝާހިދު ތުހުމަތުކުރެއްވިއެވެ.

"މި މައްސަލަ ފައިލްކުރީ ހެކިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބަޔާންކޮށް ކަމުގައިވީ ނަަމަވެސް މިއީ އެއިރު ވެރިކަން ކުރި އެމްޑީޕީން އެންގި ގޮތަށް މަގާމުގެ ދިފާއުގައި ކުރި ކަމެއް،" ޝާހިދުގެ ސިޓީގައިވެއެވެ.

ޝާހިދު ވިދާޅުވީ، ކޯޓު އަމުރު ފޮނުވައިގެންވެސް، ހެކިބަސް ހޯދޭ ކަމަށާއި އެކަމަށް އިޖުރާއަތްތައް، ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ޝާހިދުގެ ސިޓީގައި ވިދާޅުވީ، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އުފުލި ދައުވާ ޝަމީމް އަނބުރާ ގެންދެވީ، އެއިރު މަޖިލީހުގައި އަގުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އޭނާ މަގާމުން ވަކިކުރުމަށް މައްސަލައެއް އެޖެންޑާކޮށްފައި އޮއްވައި ކަމަށެވެ. އަދި މަހުލޫފުގެ މައްސަލަ އަނބުރާ ގެންދިއުމުން ޝަމީމު މަގާމުން ވަކިކުރަން ފެށި މަސައްކަތް އެމްޑީޕީން ހުއްޓައިލި ކަމަށްވެސް ވިދާޅުވިއެވެ.

އެ ސިޓީގައި އިތުރަށް ވަނީ ސަފާރީ ރޭޕް ކޭސް އިސްތިއުނާފު ނުކުރުމާއި ކުރީގެ މެންބަރު ރިޒާއަށް ކުރި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެންދިއުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ ބައެއް ދައުވާތައް އަނބުރާ ގެންދިއުމާއި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަކީވެސް، ޝަމީމް ޕީޖީކަމުގެ ނުފޫޒު ބޭނުންކޮށްގެން ކުރެއްވި ކަމެއް ކަމަށް ތުހުމަތުކުރައްވައިފައެވެ.

މީގެ އިތުރުން ޝާހިދު ފާހަގަކުރެއްވި ގޮތުގައި ޝަމީމު ގެންދަވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައިވެސް ތަފާތުކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *