ސްކޭމްކޮށްގެން 1.8 މިލިއަން ރުފިޔާ ހޯދުމުން ކުރީ 113،800 ރުފިޔާގެ ޖޫރިމަނާއެއް

ސްކޭމްކޮށްގެން 1.8 މިލިއަން ރުފިޔާ ހޯދުމުން ކުރީ 113،800 ރުފިޔާގެ ޖޫރިމަނާއެއް

ކުޑަކުއްޖަކު އޭނާ ކާފަގެ ބޭންކް އެކައުންޓުން އެހެން މީހަކަށް 1.8 މިލިއަން ރުފިޔާ ފޮނުވި މައްސަލާގައި، ފައިސާ ބޭނުންކުރި މީހާއާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން 113،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލައަކީ ހއ. މޮޅަދޫ މިސްރާބު، ހަސަން ނާހިދުގެ މައްޗަށް އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށް ސާބިތުވި މައްސަލަ އެކެވެ. މިދިޔަ ފެބްރުއަރީ މަހު 16 އަހަރުގެ ކުއްޖަކު އޭނާގެ ކާފަގެ އެކައުންޓުން ކާފައަށް ނޭނގި، އެކިފަހަރު މަތިން 1.8 މިލިއަން ރުފިޔާ ފޮނުވުމުން އެ ފައިސާ ނާޙިދު ވަނީ ބޭނުންކޮށްފަ އެވެ.

އެ އެކައުންޓްތަކަށް 1.8 މިލިއަން ރުފިޔާ ފޮނުވި ނަމަވެސް އޭގެ ތެރެއިން 1.6 މިލިއަން ފުލުހުން ވަނީ އަނބުރާ ހޯދައިފަ އެވެ.

އެ ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާ އެ ކުށަށް އިއުތިރާފުވެއްޖެ ނަމަ، ދައުލަތުން އެއްބަސްވީ ޖޫރިމަނާގެ އަދަބެއް އިއްވުމަށެވެ.

ކްރިިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާއާ އެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމަށް ބަލާއިރު މި ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވިޔަސް، އެ އަދަބު 115،400ރ. ގެ ޖޫރިމަނާއަކަށް ބަދަލުކުރަން ދައުލަތުން އެއްބަސްވެފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އޭނާ ބަންދުގައި އަށް ދުވަސް ހޭދަ ކޮށްފައިވާތީ އެ މުއްދަތު އުނިކުރުމަށްފަހު އޭނާގެ މައްޗަށް ކަނޑައަޅާފައި ވަނީ 113،800ރ. ގެ ޖޫރިމަނާ އެކެވެ. އަދި އެ ފައިސާ 18 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ހުކުމްކުރި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *