ރިސޯޓު ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް މިހާރު ދައްކަން އޮންނަ އަގު ފަސް މިލިޔަން ޑޮލަރަށް ކުޑަ ކުރަން ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނު އިސްލާހު ގެންނަން ސަރުކާރުން ފޮނުވީ، ރިސޯޓު ހިންގަން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ދޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުރުކޮށް، ކުޑަ އަގު ދައްކައިގެން މުއްދަތު އިތުރުކުރެވޭ ގޮތް ހެދުމަށެވެ.
މި ބިލުގެ މަސައްކަތް އަވަސް ކުރުޖުގެ ގޮތުން، ބިލް ދިރާސާކުރުމަށް ދާއިީ ކޮމިޓީއަކަށް ފޮނުވުމުގެ ބަދަލުގައި، އެކަން ކުރިއަށް ގެންދިޔައީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.
ސަރުކާރުން ފޮނުވިގޮތަށް ބަދަލެއްނުގެނެސް މުޅި މަޖިލީހުގެ ކޮމިޓީން ބިލް ފާސްކުރި ނަމަވެސް މިއަދު މަޖިލިސް އިން ބިލް ފާސްކުރީ ދެ އިސްލާހަކާއެކުގައެވެ.
ޓޫރިޒަމާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ޓޫރިޒަމް ބޭނުމަށް ކުއްޔަށް ނަގާފައިވާ ރަށެއް ނުވަތަ ބިމެއްގެ މުއްދަތު އިތުރު ކުރާނަމަ އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 ޑޮލަރު ދައްކައި، މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި އެއްފަހަރާ 10 މިލިއަން ޑޮލަރު ދައްކަން ޖަހެއެވެ.
ނަމަވެސް ގާނޫނަށް މިގެނައި އިސްލާހާ ގުޅިގެން މި ބިލު ތަސްދީގުކޮށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް އެދި ފައިސާ ދައްކަންޖެހޭނީ އެއްފަހަރާ ފައިސާ ދައްކަން އެއްބަސްވާނަމަ، މިހާރު ދައްކާ މިންވަރުގެ ދެބައިކުޅަ އެއްބައެވެ. އެއީ އިތުރުވާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ދެއްކުމާއެކު ކުއްޔައްނެގި މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދެއްކުމެވެ.
ނަމަވެސް މި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަސް ވޭތުވުމަށްފަހު، މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ. އަދި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 10،000،000 އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ގެންނަ މި އިސްލާހުގެ ބޭނުމެއްކަމަށް ބުނެފައިވަނީ އިންވެސްޓަރުންނަށް ޓޫރިޒަމް ބޭނުމަށް ނަގާފައިވާ ރަށެއް ނުވަތަ ރިސޯޓެއް ކުއްޔަށް ނަގާފައިވާ މުއްދަތު އިތުރު ކުރުމަށް ފަހި ފުރުޞަތެއް ހޯދައިދިނުން ކަމަށެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ހިފާ ފަރާތާ ރަށް ނުވަތަ ބިން ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން މީލާދީ 50 އަހަރުދުވަހަށެވެ.