ބިދޭސީން ގެނެވޭ ލިމިޓް އުވާލައި ކޮންމެ ދޮޅު އަހަރަކުން ފީ ބޮޑުކުރެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި

ބިދޭސީން ގެނެވޭ ލިމިޓް އުވާލައި ކޮންމެ ދޮޅު އަހަރަކުން ފީ ބޮޑުކުރެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި

ރާއްޖޭގެ ވަޒީފާތަކަށް އެއް ގައުމަކުން އެންމެ ގިނައިން މީހުން ގެނެވޭނީ 100،000 ހަމައަށް ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް ލިމިޓް އުވާލައި، ބިދޭސީ މަސައްކަތްތެރިން ދައްކަންޖެހޭ ވޯކް ޕާމިޓް ފީއާއި ކޯޓާ ފީ، ކޮންމެ ދޮޅު އަހަރަކުން އެއް ފަހަރު ބޮޑު ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފިއެވެ.

މަޖިލީހުން މިއަދު ފާސްކުރި ބިލްގައި، ބުނެފައިވަނީ އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކާއި، އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ގަވާއިދަކުން ކަނޑައަޅައި އަހަރަކު ދެފަހަރު އާއްމުކުރަންވާނެ ކަމަށެވެ. އަދި އެގޮތަށް ކަނޑައެޅުމުގައި އެކި އެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަރަށް ބިނާކޮށް، ތަފާތު ގިންތިތަކަކަށް ތަފާތު މިންގަނޑުތަކެއް ކަނޑައަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެގޮތަށް ކަނޑައަޅަންވާނީ، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުށްޓަކައި ހަދާ އެސެސްމަންޓަކަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ކޮންމެ ބިދޭސިއަކު މަސައްކަތްކުރަންވާނީ، ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓްރީ ކޮށްފައިވާ ވާކް ސައިޓެއްގައިކަމަށްވެސް ބުނެފައިވެއެވެ.

ބިދޭސީންގެ ކޯޓާ ފީގެ ގޮތުގައި ކޮންނެ އަހަރަކު ދައްކަންޖެހޭ 2،000 އާއި ވާކްޕާމިޓް ފީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ 350 ރުފިޔާގެ ފީ، މަދުވެގެން ކޮންމެ ތިންއަހަރަކުން އެއްފަހަރު، ގިނަވެގެން 18 މަސްދުވަހުގެ މުއްދަތަށްވުރެން ކުރު ނުވާނެ ގޮތެއްގެމަތިން މުރާޖައާކޮށް އެ ފީއަށް ގެނަންޖެހޭ ބަދަކުތައް ގެނެވިދާނެކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.

އެގޮތަށް ފީތައް މުރާޖައާކުރުމަށްފަހު ބަދަލު ގެންނަ އަދަދު އެ އިރެއްގައި ކަނޑައަޅާފައިވާފީގެ 30 ޕަސެންޓަށްވުރެން އިތުރުވެގެންނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތަށް ބަލާއިރު، މިހާރު ވޯކް ޕާމިޓްގެ ގޮތުގައި ނަގާ ފީ 350 އިން 455 ރުފިޔާއާ ހަމައަށް ކޯޓާ ފީ 2،000 އިން 2،600 ރުފިޔާއާ ހަމައަށް ބޮޑު ކުރުމުގެ ފުރުސަތު ފުރަތަމަ މުއްދަތުގައި އޮންނާނެއެވެ.

ބިދޭސީން ގެނަސް އިހުމާލްވާ ފަރާތްކަށް ބޮޑެތި ޖޫރިމަނާތަކެއްވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ. އެގޮތުން އިހުމާޅުވާ ފަރާތްތަކުގެ މައުލޫމާތު އާއްމުކުރުމާއި، އެމީހާ އިހުމާލުވި ކޮންމެ ބިދޭސީ މުވައްޒިފަކަށް 50،000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށްވެސް ވަނީ ހިމަނައިފައެވެ. އަދި މި ގާނޫނުގައިވާ ކަންތައްތަކާ ހިލާފް ވެއްޖެނަމަ 100،000 ބޮޑޫނޫން އަދަދަކުން ޖޫރިމަނާކުރުމަށްވެސް ބިލްގައި ކަނޑައަޅާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު މަޖިލީހަށް ހުށަހެޅި މި ބިލް ފާސްކުރީ ޖަލްސާގައި 71 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާށްކުރަން ނުފެންނަކަަމަށް އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *