ބޭންކުތަކާއި މާލީ އިދާރާތަކަށް ސިޔާސީ މީހުންލާގޮތަށް ހެދި މައްސަލަ ނުބަލަން ނިންމުމުން ބައްދަލުވުން ހޫނުވެއްޖެ

ބޭންކުތަކާއި މާލީ އިދާރާތަކަށް ސިޔާސީ މީހުންލާގޮތަށް ހެދި މައްސަލަ ނުބަލަން ނިންމުމުން ބައްދަލުވުން ހޫނުވެއްޖެ

ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ސިޔާސީ މީހުން ވެސް ބޭންކުތަކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގަވާއިދު އިސްލާހުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނުބަލަން ނިންމުމުން ހިޔާލު ތަފާތުވުން ބޮޑުވެ ކޮމިޓީ ބައްދަލުވުން ނިންމާލައިފިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން މުގައްރިރު، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މަނިޓަރީ އޮތޯރިޓީން ގަވާއިދު އިސްލާހުކުރި މައްލައިގައި ހުރި ކަންބޮޑުވުންތަކެއް ފާހަގަކޮށް މޯލްޑިވްސް ފައިނޭޝަލް ސާވިސަސް އެސޯސިއޭޝަނުން ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާމެދު މެންބަރުން ހިޔާލު ފާޅު ކުރެއްވުމަށް ގާސިމް ފުރުސަތު ހުޅުވާލެއްވިއެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވި، ޕީއެންސީގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، އެސިޓީގެ މައްސަލައަށް ކޮމިޓީގައި މަޝްވަރާކޮށް އެކަން ކުރިއަށް ގެންދަން ނުފެންނަ ކަމަށެވެ.

އެމެމްންބަރުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، އެއީ ކޮމިޓީއާ ވަރަށްބޮޑަށް ގުޅޭ މައްސަލައެއް ކަމަށެވެ.

"ރާއްޖޭގައި ވަރަށްމަދު އިންސްޓިޓިއުޝަނެއް ހަރުދަނާކޮށް ފެންނަނީ، އޭގެ ތެރޭގައި، އެމްއެމްއޭ ބޭންކު އޮފް މޯލްޑިވްސް ހިމެނޭ، އެހެންވީމާ އަޅުގަނޑުމެން އެންމެންވެސް އެޕްރިޝިއޭޓް ކުރަން މިނިވަންކަމާއެކީ އެތަންތަން ކުރިއަށްދާތީ، ނަމަވެސް އެމްއެމްއޭގެ ރެގިއުލޭޝަނަށް މިއައި ބަދަލަކީ، ހާއްސަކޮށް ބޭންކިން ދާއިރާގެ ބޯޑުތަކަަށް ސަރުކާރުގެ ސްޓޭޓް މިނިސްޓާރުންވަރުގެ މީހުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންނަށް އެ ތަންތަނުގެ ބޯޑަށްވަދެވި، ސިޔާސީ ބޯޑުތަކަކަށް ހަދައި ބޭންކިން ނިޒާމު ސިޔާސީ ކޮށްލުމަށް ފުރުސަތު ހުޅުވާލުމަކީ ރަނގަޅު ކަމެއްނޫން،"

މިހާތަނަށް އަމަލު ކުރަމުން އަންނަނީ، ރައީސް އައްޔަންކުރާ އެއްވެސް ބޭފުޅަކު އެފަދަ ބޯޑު ތަކުގައި ނުތިބެވޭ ގޮތަށް ކަމަށާއި، ޕްރޮފެޝަނަލް މީހުން ތިބެގެން އެގޮތަށް އަމަލު ކުރަމުން އައުމުގެ ސަބަބުން ސަރުކާރަށް ވާނެ ގެއްލުމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އެހެން އެކަން އޮއްވައި އެ މައްސަލަ ނުބަލަން ކޮމިޓީން ނިންމުމަކީ ގޯހެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝަމްހީދުގެ ވާހަކަތަކަށް ތާއީދު ކުރައްވައި އެކޮމިޓީގައި އިންނެވި އެމްޑީޕީގެ ދެވަނަ މެންބަރު ހަނިމާދޫ ދާއިރާގެ އަބްދުލްގަފޫރު މުސާ ވިދާޅުވީ، ސެންޓްރަލް ބެންކަކީ މިނިވަންކަމާއެކު ކަންކަން ނިންމުމުގެ ބާރު އޮންނަތަނެއް ކަމަށެވެ.

ވަކި ބަޔަލު މިއަދު ވެރިކަމުގައި އޮތީމަ ވެރިކަމަށް ފަހިވާގޮތަށް ހުރިހާ ކަމެއް ބަދަލު ކުރުމަކީ ރަނގަޅުގޮތެއްނޫން ކަމަށާއި، މިއީވެސް ގައުމެއް ކަމަށްވާއިރު، މުސްތަގިއްލުތަންތަން އެގޮތުގައި ބަހައްޓަންޖެހޭނެ ކަަމަށްވެސް ވިދާޅުވިއެވެ. އަދި ވެރިކަމަކީ ބަދަލުވަމުންދާ އެއްޗެއް ކަމަށާއި، ބަދަލުމުންދާ އޮއިވަރުގެ ތެރެއަށް ސެންޓްރަލް ބޭންކާއި ބޭންކްތައް ވެއްދުމަކީ ކަންކަން ގޯސްވެގެންދާނެކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީ މެންބަރުންގެ ވާހަކަތަކާ ގުޅިގެން ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ވިދާޅުވީ، އެ މައްސަަލަ ބަލަން ނުފެންނަކަމަށް މެންބަރަކު ހުށަހަޅައި ތާއީދު ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް އެކަމަށް މަޝްވަރާ ކުރަން ފުރުސަތު ދޭން ނުޖެހެ ކަމަށާއި، ޖެހޭނީ ވޯޓަށް އަހަން ކަމަށްވެސް ވިދާޅުވިއވެެ.

އެ މައްސަލައުގައި މެންބަރު ޝަރީފް ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ފަސް މެންބަރުން ވޯޓު ދެއްވިއެވެ. ނަމަވެސް ޑރ. ޝަމްހީދުގެ ހުށަހެޅުއްވުމަށް ލިބުނީ އެ މެންބަރާއި މެންބަރު ގަފޫރުގެ ވޯޓެވެ. 11 މެންބަރުން ތިއްބަވާ އެ ކޮމިޓީގައި އިދިކޮޅު ފަރާތްތަކުގެ ފަރާތުން އިންނަވަނީވެސް އެ ދެ މެންބަރުން އެކަންޏެވެ.

ނަމަވެސް މައްސަލަ ނުބަލަން ފާސްކުރުމާ ގުޅިގެން އެމްޑީޕީ ދެ މެންބަރުން އިތުރަށް ސުވާލު ކުރައްވަން ފެއްޓެވިއެވެ.

އެ މެންބަރުް ވިދާޅުވީ އެއީ މަޖިލީހުގެ އިދާރީ ހިންގުމުގެ ތެރެއިން، މަޖިލިސް ރައީސް އެކި ފަރާތްތަކށް މައްސަލަތައް ފޮނުވާ އުސޫލުން އެ ކޮމިޓީގެ މެންޑޭޓްގައި ހިމެނޭތީ ލީގަލް ޓީމުގެ ލަފައާއެކު ފޮނުވާފައިވާ މައްސަލައަކަށްވާއިރު، އެ މައްސަލަ ކޮމިޓީން ބަލަންޖެހޭ ކަމަށެވެ.

ނަމަވެސް ކޮމިޓީގެ މުގައްރިރު ގާސިމް ވިދާޅުވީ، އެކަމަށް ކޮމިޓީން އެއޮތީ ގޮތެއް ނިންމާފައިވާ ކަމަށެވެ. އަދި އެ މެންބަރުން ހުށަހަޅުއްވައިގެން ފާސްކުރީ އެ މައްސަލަ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ފޮނުވަން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީ މެންބަރުން ދޫނުދެއްވައި އެ ހިޔާޅުތަފާތުވުުގެ ތެރެއިން ވާހަކަދައްކަމުން ގެންދަވާތީ، މިހާހިސާބުން ކޮމިޓީ ބައްދަލުވުން ނިނުނީ ކަމަށް ވިދާޅުވެ ގާސިމް ކޮމިޓީ ބައްދަލުވުން ނިންމަވައިލެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *