އާރަށު މައްސަލަ: ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުންތައް މާދަމާ ފަށާގޮތަށް ތާވަލު ކޮށްފި

އާރަށު މައްސަލަ: ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުންތައް މާދަމާ ފަށާގޮތަށް ތާވަލު ކޮށްފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމާ އެއްގޮތަށް، އަންނަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އެމައްސަލައިގެ އަޑު އެހުންތައް ފަށަން ހަމަޖައްސައިފިއެވެ.

މި އަޑު އެހުން މާދަމާ ކުރިމިނަލް ކޯޓުގައި ބާއްވަން ހަމަޖެހިފައިވާ ކަަމަށް، ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް 25 ޑިސެމްބަރު 2022 ގައި އިއްވިއެވެ. އެއީ ރިޝްވަތުގެ ކުށަށް 4 އަހަރުގެ ޖަލު ހުކުމަކާއި، މަނީ ލޯންޑަރިންގެ ކުށަށް، 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއަކާއެކު އިއްވި 7 އަހަރުގެ ޖަލު ހުކުމެވެ.

ނަމަވެސް ހައިކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފުގައި، މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހައިކޯޓުން ވަނީ ވަނީ އެހުކުމްތައް ބާތިލް ކޮށްފައެވެ. ހަމައެއާއެކު އެ މައްސަލަ ކުރިމިނަލް ކޯޓުން އަލުން ބެލުމަށްވެސް ހައިކޯޓުން އެންގިއެވެ.

އެހެން ކަމުން ބުދަ ދުވަހު ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ އާރަށު މައްސަލައިގެ އަޑު އެހުންތައް ފެށުމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެގެން، ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، އެ މައްސަލައިގައި ރިޝްވަތު ދިން ކަމުގެ ކުށުގައި، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުވާ ކުރިއެވެ. ޔާމީންގެ ހުކުމާއެކު، ޔޫސުން ނައީމަށް ކުރި 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމްވެސް ވަނީ ބާތިލް ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *