MAJLIS

ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމުގެ ބަހުސް ފަށައިފި

ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމުގެ ބަހުސް ފަށައިފި

އާބަން ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތައް ހިންގުމުގެ ބާރު އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ދޭގޮތަށް، ސަރުކާރުން އާބަން ޑިވެލޮޕްމަންޓް ބިލްގެ ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒެވެ.

 

ސަރުކާރުން މި ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބިލުގައި ހިމަނާފައި ވަނީ، ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތައް ތަރައްގީ ކުރުމާއިގުޅޭ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމު ކުރުމެވެ.

އޭގެއިތުރުން އާބަން ސަރަހައްދުތަކާއި، އެފަދަ ސަރަހައްދު ތަކުގެ ޒޯންތަކާއި، ގިންތިތަކާއި، ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި، އާބަން ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނީޓާކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުންވެސް މި ބިލު ހުށަހެޅުމުގެ ބޭނުން ތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ބިލުގައި ވަނީ ސިޓީ ހިމެނޭ ގޮތުން ދިރިއުޅޭ ޖުމްލަ އާބާދީގެ އަދަދު 150،000 އަށްވުރެން ބޮޑު ސަހަހައްދު ތަކަކީ، މެޓްރޮޕޮލިޓަން ސަރަހައްދުކަމަށް ކަނޑައެޅުމަށެވެ. އަދި އާބަން ސެންޓަރުތައް ހިމެނޭ، ސަރަހައްދުގައި ދިރިއުޅޭ ޖުމްލަ އާބާދީގެ އަދަދު 50،000 އަށްވުރެ ބޮޑުނަމަ، އާބަން ރީޖަންގެ ގޮތުގައި، ސިޓީއެއްގެ ގޮތުގައި ކަނޑައަޅަން ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަވުމާއެކު، ޖުމުލަ އާބާދީ 10،000 އަށްވުރެ ބޮޑުނަމަ އާބަން ސެޓަރުގެ ގޮތުގައި ކަނޑައެޅުމަށެވެ.

ބިލުގައިވާ ގޮތުން އާބަން ސަރަހައްދުތައް ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ބިުްގައި ބުނެފައި ވަނީ އެގޮތަށް ކަނޑައަޅާ ސަރަހައްދު ތަކަކީ، ލޯކަލް ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދެއް ނަމަވެސް، އެ ސަރަހައްދެއް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ ހުރިހާ ބާރެއް އޮންނާނީ އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ކަމަށެވެ. ކައުންސިލް ތަކުން ހަމައެކަނި ބަލަހައްޓާނީ އެ ސަރަހައްދެއްގެ މުނިސިޕަލް ޚިދުމަތްތައް ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައި ބުނާގޮތުން، އެކަމަށް ޓަކައި އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ އެކުލަވައިލުމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ އާބަން ޕްލޭނިން އާއި އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމެންޓްގެ ގާނޫނީ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި މުދަލާއި ވަސީލަތް ތަކުގެ އިތުރުން މުވައްޒަފުންވެސް އެ އޮތޯރިޓީއަށް ބަދަލުވާނެއެވެ.

އެފަދަ ސަރަހައްދުތައް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ ކަންކަން އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެންދާނީ އެ ސަރަހައްދެއްގެ ކައުންސިލާއެކު ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ބިލުގައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *