މާލޭ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރު

ޖަވާބު ދާރީވާން ފުރުސަތުވެސް ނުދީ މާލެ ސިޓީ ކައުންސިލުގެ އެސްޖީ ވަކިކުރަން ފާސްކޮށްފި

ޖަވާބު ދާރީވާން ފުރުސަތުވެސް ނުދީ މާލެ ސިޓީ ކައުންސިލުގެ އެސްޖީ ވަކިކުރަން ފާސްކޮށްފި

މާލޭ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރު ވަކި ކުރަން އެ ކައުންސިލުން ފާސް ކޮށްފިއެވެ.

މިއަދު މާލޭ ސިޓީ ކައުންސިލުގައި އޮތް ހަތަރު ވަނަ ދައުރުގެ 158 ވަނަ ޖަލްސާގައި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ވަކި ކުރުމުގެ މައްސަލަ ހުށަހެޅުއްވީ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.

ނަރީޝް ވިދާޅުވީ މީގެކުރީ ދައުރު ތަކުގައި ހިނގާފައި ހުރި ކަންކަމަކީ ހިނގާފައި ނެތް ކަންތައް ތަކެއްގެ ގޮތުގައި ދެއްކުމަށް އެސްޖީ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެކަން ކަމުގެ ލިޔެކިޔުން ހޯދުމަށް ރައްޔިތުން އެދުމުން، އެ ލިޔެކިޔުންތައް ނުލިބި، ކައުންސިލަރުން އެތައް ދުވަހަކު މަޑު ކުރަން ޖެހިފައިވާ ކަމަށެވެ. ކަންކަން އިސްލާހު ނުވެ، ދިގުލައިގެން ދިޔައިރުވެސް އެސްޖީއަށް ފިޔަވަޅު އަޅާފައިނުވާ ކަމަށާއި މައްސަލަ ހުށަހަޅަން ޖެހުނީ އެހެންވެ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

"މިތަނުގެ އޮނިގަނޑު ރޭވިފައި އޮންނަ ގޮތުން ހުރިހާ އެއްޗެއް އޮޕަރޭޓް ކުރާ މާލީ ޒިންމާދާރު ވެރިޔާވެސް ފައިސާއާ ގުޅުން ހުރި ހުރިހާ ކަމެއްގައިވެސް ހުރިހާ ކަމެއް ކުރަން ހުންނަ މީހަކީ ސެކްރެޓަރީ ޖެނެރަލް ކަމަށް ވާއިރު، އެހުރިހާ ހުއްޓުމެއް ހުއްޓެނީ އެހިސާބުގައި ކަމަށްވަންޏާ، އެހިސާބުގައި ހުރި މައްސަލަތައް ހައްލު ކުރަން ފުރުސަތުދީ، އެކަމާ ތަކުރާރުކޮށް ޑިސްކަސްކޮށް، އެކަމަށް ގޮތެއް ހޯދުމަށް އެއްވެސް ގޮތެއް ކައުންސިލަރުންނަށް ނެތީމާ ދެން ކައުންސިލަރުން ނުކުމެ އެ ސުވާލު ކުރަން ފަށާނެ. އަޅުގަނޑުމެން ކައުންސިލަރުންނަކީ ޕެރެލައިޒް ކޮށްފައިވާ ބައެއްގެ ގޮތުގައި ހަދައިފިނަމަ، ކައުންސިލަރުން ނުކުމެ އެކަމަށް ހައްލު ތަކެއް ހޯދާނެ،" ނަރީޝް ވިދާޅުވިއެވެ.

އެސްޖީ ދިފާއު ކުރައްވައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެސްޖީއަކީ އޭނާއަށް ޖަވާބުދާރީވާ ފަރާތެއް ކަމަށާއި އެސްޖީގެ މަސައްކަތްތައް ލަސްވުމުގެ މައްސަލަތަކެއް އުޅޭ ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި އެސްޖީގެ މައްސަލައެއް ނޫން ކަމަށާއި އިދާރީ ހިންގުމުގެ ހުންނަ މައްސަލަ ތަކެއްގެ ސަބަބުންވެސް ލަސްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އިންޓެގްރިޓީގެ އެއްވެސް މައްސަލައެއް ނެތް. ހަމަ ގައިމުވެސް އިންޓެގްރިޓީ ހައި ބޭފުޅެއް. ހަމަ ވަރަށް ގާބިލު ވަރަށް ރަނގަޅު ބޭފުޅެއް. އަޅުގަނޑުގެ ބޭނުން އެ ވާހަކަ ދަންނަވާލަން،" އާޒިމް ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ އެސްޖީއަށް ކުރާ ތުހުމަތު ތަކަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދޭންވާނެ ކަމަށާއި އެގޮތުން އަންނަ ހަފުތާގައި ލިޔުމުން ޖަވާބު ދެއްވަން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި މިއަދު ވޯޓެއް ނަގައިފި ނަމަ، އެ ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ވާހަކަތަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވަނީ ރަނގަޅު ކުރަން އެސްޖީއަށް ވަރަށް ގިނަ ފަހަރު ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވައިފައެވެ.

"އަޅުގަނޑުމެންގެ އެއްވެސް ބާރެއް ނުހިނގައޭ މިތާކު، އަޅުގަނޑުމެންނަކީ ރައްޔިތުން ވޯޓު ލައިގެން މިތަނަށް އައްޔަން ކޮށްފައި ތިބި ބައެއް، ހޮވާފައި ތިބި ބައެއް. ދާއިރާގެ ރައްޔިތުން އަންނަނީ އަޅުގަނޑުމެން ގާތަށް،" އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.

އެސްޖީ މަގާމުން ވަކި ކުރަން ފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއިރު، އެ ވޯޓުގައި ސައިފާއި މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އާއިޝަތު ނާޒިމާ ވަކި ގޮތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

ކައުންސިލުން އެސްޖީގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމުން، އެ މައްސަލަ ބަލައި، ގޮތެއް ނިންމަން ޖެހޭނީ ސިވިލް ސާވިސް ކޮމިޝަނަށެވެ. އެސްޖީއަކީ ސިވިލް ސާވިސް ކޮމިޝަނުން އައްޔަނު ކުރާ މަގާމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *