ރައްޔިތުންނާ ގުޅުންހުރި ޓެކްސްތައް ބޮޑު ކުރުމުގެ ވިސްނުމެއް ނެތް: މިނިސްޓަރު

ރައްޔިތުންނާ ގުޅުންހުރި ޓެކްސްތައް ބޮޑު ކުރުމުގެ ވިސްނުމެއް ނެތް: މިނިސްޓަރު

ރައްޔިތުންނާ ގުޅުން ހުރި ޓެކްސްތައް ބޮޑު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މެދުރާސްތާ ދަރަނީގެ ސްޓްރެޓަޖީގެ ބަޔާނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ޓެސްއާބެހޭ ސުވާލު ތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ 2025 ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހީ ފިޔަވަޅުތައް އަޅަމުން ދާނީ، ސީދާ ގޮތުން އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކުހެއް ބޮޑުނުކޮށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ، ދައުލަތުގެ ބޭރުގެ ދަރަނި ދެއްކުމާއި، އާންމު ފަރާތްތަކުގެ ބިލްތައް ދެއްކުމަށް މިވަގުތު ދިމާވެފައިވާ ހުރަސްތައް ކަމަށެވެ. އެއާއެކު ދެން ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑު ވުމަކީ އަންނަ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ދައުލަތުން ދައްކަންޖެހޭ ބޭރު ދަރަނީގެ އަދަދު ބޮޑުވުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ކަންކަން ހަމަޔަކަށް އަޅުވައި ދަރަނީގެ ދެމެހެއްޓުން އިތުރު ކުރަން މާލީ އިސްލާހީ ފިޔަވަޅު ތަކެއް ނާޅައި ދެން ކުރިއަށް ދެވެން ނެތްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަން ކުރުމަށް ޚަރަދު ކުޑަކުރުމާ އެކު އާމްދަނީ އިތުރު ކުރަންޖެހޭ ކަމަށެވެ.

އެކަމަށްޓަކައި އާމްދަނީ އިތުރު ކުރުމާއި ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް ސަރުކާރުން އަޅާނީ ރައްޔިތުންނަށް ތަކުލީފު ކުޑަވާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމުގެ ތެރެއިންވެސް ޓެކްސްތައް ބޮޑުކުރާއިރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އާންމު ރައްޔިތުން ދައްކަންޖެހޭ ޓެކްސްތައް ބޮޑު ނުކުރަން ކަމަށް މިނިސްތަރު ވިދާޅުވިއެވެ. އެގޮތުން ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތް ހޯލްޑިން ޓެކްސް ފަދަ ޓެކްސްތައް ބޮޑު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެގޮތަށް ނިންމެވީ މިދިޔަ ސަރުކާރުގެ ތެރެއިން ވަރަށް ފަހުންވެސް ޓެކްސްތައް ބޮޑުކޮށްފައި ވާތީ ކަމަށެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެެން ޓެކްސް ރޭޓްތައް ބޮޑު ކޮށްފައި ވާއިރު، ސަރުކާރުގެ ވިސްނުމަކީ ޓެކްސް ބޭސް ފުޅާކޮށް ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރު ކުރުން ކަމަށް ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރު ބޭރުގެ ބޮޑު ދަރަނި ދައްކަން ތައްޔާރު ވުމުގެ ގޮތުން ބޮޑު ކުރަން ވިސްނަނީ ޑޮލަރުން އާމްދަނީ ލިބޭ ގޮތަށް ހުރި ޓެކްސްތަކާއި ފީތައް ކަމަށްވެސް ވިދާޅުވިއެވެ.

"އެއީ ޑޮލަރުން ދައްކަން ޖެހޭ ދަރަނި ތަކެއް، އެހެންވީމާ އެއަށް ބޭނުންވާ ސޮވަރިން ޑިވެލޮޕްމެންޓު ފަންޑު ބިލްޑު ކުރެވޭ ގޮތަށް އެ އަމާޒުގައި މަސައްކަތް ކުރުމަކީ ދިވެހި ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމެއް،". މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ގްރީންޓެކްސް އާއި ސިއްހަތަށް ގެއްލުންވާ ތަކެތީގެ ޑިއުޓީ އާއި އެއާޕޯޓު ޑިވެލޮޕްމެންޓު ޓެކްސް އާއި ޑިޕާޗާ ޓެކްސް ފަދަ ޑޮލަރުން ނަގާ ފީތައް ބޮޑު ކުރަން ވިސްނާފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ނަަމެސް އެއާޕޯޓް ފީ ބޮޑު ކުރާއިރުވެސް އެއާޕޯޓުން ފުރާ އާންމު ދިވެހިންގެ އަތުން އެ ފީ ބޮޑު ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *