ޓެކްސް ބޮޑުކުރަން ސަރުކާރަށް ޗެކް ފޮތެއް ނުދެވޭނެ: ގާސިމް

ޓެކްސް ބޮޑުކުރަން ސަރުކާރަށް ޗެކް ފޮތެއް ނުދެވޭނެ: ގާސިމް

ޓެކްސްތައް ބޮޑު ކުރަން ސަރުކާރަށް، ޗެކް ފޮތެއް ނުދެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ، ވޯކް ޕާމިޓް ފީ އާއި ކޯޓާ ފީ ބޮޑުކުރެވޭގޮތަށް ވަޒީފާއާބެހޭ ގާނުނަށް ސަރުކާރުން ގެންނަން ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރުމުގެ މަަސައްކަތް ކުރިއަށްގެންދިޔަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގަ އެވެ.

ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮންނަނީ، ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350 ރުފިޔާ އަދި ކޯޓާ ފީގެ ގޮތުގައި އަހަރަކު 2،000 ރުފިޔާ ދައްކަންޖެހޭ ގޮތަށެވެ.

ނަމަވެސް ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ، ގަވާއިދަކަށް ގެންނަ އިސްލާހަކުން އެ ފީތައް ބޮޑޫކުރެވޭގޮތަށެވެ. އެގޮތުން ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ގިނަވެގެން ކޮންމެ ދޮޅު އަހަރަކުން އެ ފީތަކަށް ބަދަލު ގެނެވޭ ގޮތަށް ހެދުމަށް ބިލްގައި ވަނީ ހިމަނައިފަ އެވެ.

އެހެންކަމުން މަދުވެގެން ކޮންމެ ތިން އަހަރަކުން އެއް ފަހަރު، ގިނަވެގެން 18 މަސްދުވަހުގެ މުއްދަތަކަށް ވުރެ ކުރު ނުވާނެ ގޮތުގެ މަތިން މުރާޖާކޮށް އެ ދެ ފީއަށް ބަދަލު ގެނެވޭނެ އެވެ.

އެގޮތަށް މުރާޖާކުރުމަށް ފަހު ކަނޑައަޅާ ފީ، އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ ތިރީސް ޕަސެންޓަށް ވުރެ އިތުރު ވެގެން ނުވާނެ އެވެ.

އެހެންކަމުން ވޯކް ޕާމިޓްގެ ގޮތުގައި މިހާރު ނަގާ ފީ 350 ރުފިޔާއިން 455 ރުފިޔާއާ ހަމަައަށް އަދި ކޯޓާ ފީ 2،000 ރުފިޔާއިން 2،600 ރުފިޔާއާ ހަމައަށް ފުރަތަމަ ފަހަރަށް ބޮޑު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ގާސިމް ވަނީ އެ ފީތައް ބޮޑު ކުރުމަށް ކޮމިޓީގަިއި މިއަދު ދެކޮޅު ހައްދަވައިފަ އެވެ.

އެކަމާ ދެކޮޅު ހައްދަވައި ގާސިމް ވިދާޅުވީ، ގާނޫނުން އެ ބާރު ސަރުކާރަށް ދީފި ނަމަ، ވަގުތުން އެ ފީތައް ބޮޑު ކުރާނެ ކަމަށެވެ.

އޭގެ ސަބަބުން، އިންފްލޭޝަން މައްޗަށް ދިޔުމާއި މީހުންނަށް ދަތި ހާލު ޖެހުމާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ދެކޮޅު ނުޖެހުމާއި އިގްތިސާދު އިތުރަށް ހަލާކުވާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަުން ގާސިމް ވިދާޅުވީ، ވީސާ ފީ އާއި ވޯކް ޕާމިޓް ފީގެ ގޮތުގައި މިހާރު ނަގަން އޮތް އަދަދު ރަނގަޅު ކަމަށާއި އެއަދަދު އެއްގޮތަކަށްވެސް ބޮޑު ކޮށްގެންނުވާނެ ކަމަށެވެ.

ނަމަވެސް އެ މާއްދާ ބަދަލުކޮށް އިސްލާހު ކުރުމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހްމަދު އަޒާން ދެކޮޅު ހައްދަވައި، ފީތައް ބޮޑުކުރެވޭގޮތަށް އެ މާއްދާ ބޭއްވުމަށް އޭނާ ހުށަހެޅުއްވި އެވެ.

އަޒާން ވިދާޅުވީ ސަރުކާރުން އެ އިސްލާހުތައް ފޮނުވީ ވަރަށް ބޮޑަށް ދިރާސާކޮށްފައި ކަމަށާއި، އެއަށް ބަދަލުތައް ގެންނަން ވެއްޖެއްޔާ ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއަށް އަސަރުކޮށްފާނެ ކަމަށެވެ.

ނަމަވެސް އަޒާން ވަހަކައިގެ ތެރެއިން ގާސިމް އެކަމަށް ދެކޮޅު ހެއްދެވި އެވެ. އަދި އަޒާންއަށް ނިސްބަތްކޮށް ބަހުގެ ހަމަލާތަކެއް ވެސް ގާސިމް ދެއްވި އެވެ.

އެގޮތުން ރައްޔިތުން ފެލައިގެން ލާރި ނަގަން އުޅުނަސް، މުޅި ޕްރޮޖެކްޓްގެ ކޮސްޓާއި މީހުންގެ ލިިވިން ކޮސްޓާއި ހުރިހާ އެޗެއް އަތް ނުފޯރާ ވަރަށް ބޮޑުވެގެން ދާއިރު، ސަލަމާތެއް ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެހެންވީމަ އެއްގޮތަކަށް ވެސް މި ލެވެރޭޖް ދޭކަށް ނުފެނޭ ސަރުކާރަށް، 2،000 ރުފިޔާ ބާއްވަން ޖެހެނީ، ދެން ބޮޑު ކުރަން ބޭނުން ނަމަ މި ގާނޫނު އިސްލާހު ކުރަން ފޮނުވަންވީ، ހަމަ ގަވައިދު ހަދާލާފައި، ގަވައިދުން ޓަސް ލާފައި އޯޕަންކޮށް ޗެކްބުކެއް ދޭ ހެން، މީހުން އަތުން ޓެކްސް ނެގޭނެ ގޮތަށް އޮވެގެން ނުވާނެ." ގާސިމް ވިދާޅުވިއެވެ.

އޭގެ އިތުރުން އެ މައްސަލައިގައ ސަރުކާރަށްވެސް ގާސިމް ފާޑު ވިދާޅުވިއެވެ.

"ސަރުކާރޭ ބުނީމަ އަހަރެން ތުރުތުރު އަޅާނެތަ، ސަރުކާރުގައި ތިބީ ކޮން ބައެއްތަ، ކޯއްޗެއް އެނގޭ ބައެއްތަ ތިބީ، ސަރުކާރުގައި ވަކި ތިބީ އަހަރެންނަށް ނޭނގޭ ވަކި ކޯއްޗެއް އެނގޭ ބައެއްތަ،" ގާސިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޓޫރިޒަމް ޓެކްސް އާއި ޖީއެސްޓީ ބޮޑު ކުރުމާއި މިނިވަން ވޭޖް ކަނޑައެޅުމާމެދުވެސް ގާސިމް ދެކޮޅު ހެއްދެވި އެވެ.

އެކަން ފާހަގަ ކުރައްވައި ގާސިމް މިއަދު ވިދާޅުވީ، އެ ސަރުކާރުން ޓަސް ލާފަ، ޓެކްސްތައް ބޮޑުކުރުމުން މިހާރު ވިޔަފާރިވެރިން ތިބީ އިނދަޖެހިފައި ކަމަށެވެ.

އަޒާނަށް ރައްދު ދެއްވައި ގާސިމް އިތުރަށް ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވިޔަސް ސަރުކާރުން ފޮނުވާހާ އެއްޗެއް، އެ ފޮނުވާ ގޮތަކަށް ފާސްކުރާކަށް ނުޖެހޭ ކަމަށެވެ.
ސަރުކާރު ޒިންމާދާރު ކުރުވަން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މަޖިލިސް މެންބަރުން ހުވާކުރީ ގައުމަށް އިހްލާސްތެރިކަން އަދާކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ގާނޫނަށް ގެންނަން ހުށަހަޅާފަިއވާ އެ އިސްލާހު ފަސްކުރަން ހެޔޮ ނުވާނެ ކަމަށެވެ.

"މިވަރު ކަމެއް ކޮށްފިއްޔާ ރައްޔިތުން ނުކުމެ މި ސަރުކާރު ނަގާ އެއްލައި ވެސް ލައިފާނެ، އަހަރެމެން މި ތިބީ މި ސަރުކާރު ހިފަހައްޓައިދޭން، އިހުލާސްތެރި ލަފާ ދޭން،" ގާސިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެރިންގެ ކައިރީގައި ގިނަވަނީ، ސަރުކާރެއް ހަލާކުކޮށްލަން ވާހަކަ ދައްކާ މީހުން ކަމަށާއި، ގާނޫނަށް ހުށަހަަޅާފައިވާ އެފަދަ އިސްލާހުތަކަކީ ސަރުކާރު ދެކެ މީހުން ނަފްރަތު ކުރަން ވައްދައިގެން އުޅޭ އިސްލާހުތަކެއްކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ލޯބީގެ ކަތުރަކުން ބަޔަކު ގާނޫނެއް ހަދާ ފޮނުވީމަ، މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ލޯބީގެ ކަތުރަކުން ކަފާ ނިންމާލާކަށް،" ކޮމިޓީގެ މިއަދުގެ ބައްދަލުވުން ބޮއިކޮޓް ކުރައްވައި ނިކުންނަވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ އެ ވިސްނުމަށް އެމްއެންޕީގެ ރައީސް އަދި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް ތާއީދު ކުރެއްވި އެވެ.

އެ މައްސަލައގައި ގާސިމް ކޯފާވެވަޑައިގެން ބައްދަލުވުމުން ނުކުމެވަޑައިގަތުމުން، ކޯރަމް ގެއްލިގެން މިއަދުގެ ބައްދަލުވުން ނިންމާލީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *